ބޮޑުތަފާތަކުން އިންޓަ މިލާން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
ރޭ ޖަރުމަނުގެ ބަޔާން މިއުނިކްގެ ދަނޑުގައި ކުޅުނު ފައިނަލުމެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ނަތީޖާއިން އިންޓަ މިލާން ބަލިކޮށްގެންނެވެ. މިއީ ޗެމްޕިއަންސް ލީގު ފައިނަލެއްގައި މިހާތަނަށް ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މީގެކުރިން ފައިނަލް މެޗެއްގައި އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނިގެން ގޮސްފައިވަނީ 1994 ވަނަ އަހަރު ފައިނަލުގައެވެ. އެ އަހަރު ފައިނަލުގައި އޭސީ މިލާނުން ވަނީ 4-0 ގެ ނަތީޖާއިން ބާސެލޯނާ ބަލިކޮށްފައެވެ.
ވާދަވެރިވާނެ ކަމަށް ބެލެވުނު ނަމަވެސް ރޭ މެޗުގައި ޕީއެސްޖީ ފެނުނީ މާބޮޑަށް ވެސް ވަރުގަދަ ކޮށެވެ. މެޗު ފެށިގެން ނިމެންދެން ވެސް އިންޓައަށް ހަމަޖެހިލައިގެން ކުޅެވޭގޮތް ނުވިއެވެ. އިންޓައަށް ކުރީގައި ބޯޅަ ހިފަހައްޓަން އުނދަގޫވިއިރު، ލަނޑު ޖަހާނެ ފުރުސަތެއް ހޯދުން ވެސް ވީ އުނދަގޫ ކަމަކަށެވެ. އެއާއި ހިލާފަށް ޕީއެސްޖީން މުޅި މެޗުގައި ވެސް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ.
ޕީއެސްޖީގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ޖަހައިދިންއިރު، އޭގެ އަށް މިނެޓު ފަހުން ޕީއެސްޖީގެ ދެ ވަނަ ލަނޑު ޑިސަޔާ ޑޫއޭ ޖެހީ ކައުންޓާ އެޓޭކެއްގައެވެ. ކޯނަރަކަށް ބޯޅަ ބޭރުވާނެ ކަމަށް އިންޓަގެ ކުޅުންތެރިން ތިއްބާ، ޕީއެސްޖީން އެ ބޯޅަ ސަލާމަތްކޮށް އުފެއްދި ހަމަލާގައި އުމުރުން 19 އަހަރުގެ ޑޫއޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އިންޓަގެ ފެޑެރިކޯ ޑިމާކޯގެ ފައިގައި ޖެހި ކުޑަކޮށް މިސްރާބު ބަދަލުވެގެންނެވެ.
ދެ ވަނަ ހާފުގައި އިންޓަ އިން ބަދަލުތަކެއް ގެނެސް ކުޅުން ބަދަލުކުރެވޭތޯ މަސައްކަތްކުރި ނަމަވެސް، 63 ވަނަ މިނެޓުގައި ޑޫއޭ ތިން ވަނަ ލަނޑު ޖަހައި އިންޓަގެ ހުރިހާ އުއްމީދެއް ފުނޑުކޮށްލިއެވެ. އަދި 73 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ކްވަރަސްހޭލިއާ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑުޖަހައި އެ ޓީމަށް ތަށި ޔަގީންކޮށްދިނެވެ. ޕީއެސްޖީގެ ފަސް ވަނަ ގޯލު 86 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިޔާ ސެނީ މަޔުލޫއެވެ.
ޕީއެސްޖީން މި ހޯދި ކާމިޔާބަކީ އެ ޓީމްގެ ކޯޗުގެ މަގާމުގައި ހުރި ލުއިސް އެންރީކޭއަށް ވެސް ހާއްސަ ކާމިޔާބެކެވެ. އޭނާވެފައިވަނީ ދެ ޓީމެއްގައި އެއް ސީޒަނެއްގައި ތިންތަށި ނުވަތަ އެއަށްވުރެ ގިނަތަށި ހޯދި ދެވަނަ ކޯޗަށެވެ. އޭނާވަނީ 2015 ވަނަ އަހަރު ބާސެލޯނާއަށް ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ އެ ސީޒަންގައި ތިންތަށި ހޯދައިދީފައެވެ. މި ސީޒަންގައި ފްރެންޗް ކަޕާއި ފްރެންޗް ލީގު އަދި ފްރެންޗް ސްޕަކަޕް ވެސް ކާމިޔާބުކުރީ ޕީއެސްޖީންނެވެ.
މިއީ އިންޓަ މިލާނަށް ނާކާމިޔާބު ސީޒަނެކެވެ. ފަހު މެޗުން އިޓާލިއަން ލީގު ގެއްލުނުއިރު، އިޓާލިއަން ކަޕުން ކެޓީ ސެމީ ފައިނަލުންނެވެ. ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވީއެވެ. އިންޓައިން ފާއިތުވި ތިން އަހަރުތެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެފަހަރު ކުޅުނެވެ. ނަމަވެސް ދެފަހަރު ވެސް ވަނީ ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!