ޙައްޖުގެ އަޅުކަމަކީ އިސްލާމް ދީނުގެ މައިގަނޑު އެއް ރުކުނެވެ. މި މަތިވެރި ދީނުގައި ކުޅަދާނަކަން ލިބިގެންވާ މީހާ ޢުމުރުން އެއް ފަހަރު ޙައްޖު ވުމަކީ ވާޖިބެކެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުން މިހާރު ވަނީ މާތްވެގެންވާ މައްކާ އަށް ޖަމާވެފައެވެ. ޙައްޖުގެ އަޅުކަމުގެ މައިގަނޑު މަރުކަޒަކީ މައްކާގައި ހުންނަ ކަޢުބާ އެވެ. ﷲ ގެ ގެފުޅެވެ. އެއީ ﷲ ގެ އަޅަކު ﷲ ރުއްސެވުން ހޯއްދެވުމަށްޓަކައި ދިރިއުޅުއްވި އިސްލާމީ ގޮތް ހަނދާން ކޮށްދޭ ބިނާ އެކެވެ.

Ad
rt

ދުނިޔޭގެ އެތައް ކަންކޮޅަކުން އެތައްހާސް މުސްލިމުންނަކަށް މިއަހަރުގެ ޙައްޖަށް ދިޔުމުގެ ނަސީބު ލިބިގެން ދިޔައިރު މިކުޑަކުޑަ ދިވެހިރާއްޖޭގެ 1000 މީހުންނަށް އޭގެ ތެރޭ ހިމެނެއެވެ.

ރާއްޖެއިން ހައްޖަށް ދިޔަ 1000 މީހުންގެ ތެރެއިން އެ ނަސީބު ލިބުނު ލޯފަން ހައްޖުވެރިއެއްގެ ޝުޢޫރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިވަނީ މީސް މީޑިއާ އަށް ދޫކޮށްލާފައެވެ. މި ޝުޢޫރުން މާތްﷲގެ ރަހްމަތުގެ މަތިވެރިކަމުގެ މެސެޖުލިބެއެވެ. ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުމުގެ މަތިވެރިކަމުގެ މެސެޖުލިބެއެވެ. ތިމާގެ އަމިއްލަ މަސައްކަތުން ހާސިލްވާކަމެއްގެ ހިތްހަމަޖެހުން އޮންނާނެ މިންވަރު އިހްސާސްވެއެވެ.

''އަޅުގަނޑު އުފާވޭ މި ފުރުސަތު ލިބުނީމަ، މި ވަރަށް ގިނަ ދުވަހުގެ އުންމީދެއް އިންޝާﷲ މި ފުރިހަމަ ވަނީީ، ވަރަށް އުފާވޭ މިހާ ކުޑައިރުއްސުރެ އުންމީދު ކުރަމުން މިހިސާބަށް އާދެވުނީމަ، އަޅުގަނޑު އެންމެ އުފާވަނީ އަޅުގަނޑު އަމިއްލައަށް މަސައްކަތްކޮށްގެން އަޅުގަނޑު ލާރި ހޯދައިގެން އަޅުގަނޑުގެ އަމިއްލަ ލާރީގައި މި ދަތުރު ދެވޭތީ އިންޝާﷲ!'' އެ ޙައްޖު ވެރިޔާ ބުނެފައިވެއެވެ.

މާތްﷲ މި ޙައްޖުވެރިއާ އަށް މި މަތިވެރި ނިޢުމަތް މިންވަރުކުރެއްވީތީ އެ ޝުކުރުގައި އަޅުގަނޑުމެންވެސް ބައިވެރިވަމެވެ. މި ހައްޖުވެރިޔާއަށާއި، އެންމެހާ ހައްޖާޖީންނަށް މަބްރޫރް ހައްޖަކަށް އެދި މާތްﷲގެ ހަޟުރަތުގައި ދުޢާ ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ވަނީ ދިވެހި އެންމެހާ ހައްޖާޖީންގެ ހާލު ރަނގަޅުކަމުގެ އުފާވެރި ޚަބަރު ދީފައެވެ. ޙާޖީން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ދިވެހި ޙައްޖު މިޝަނުން ވަނީ ބުނެފައެވެ.