ފަރަންސޭސިވިލާތުގައި އާއްމުން ތަންތާންގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ނިންމައިފިއެވެ.
ކުޑަކުދިން ގިނައިން އުޅޭފަދަ ބޭރުގެ އާންމު ތަންތަން ކަމަށްވާ މޫދު ސަރަޙައްދާއި، ޕާކުތަކާއި، ބަސް ހުއްޓި އަދި ކުޅިވަރު ކުޅޭ ތަންތަން ފަދަ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ގާނޫނެއް ފަރަންސޭސިވިލާތުން ތައާރަފްކުރަން ވަނީ ނިންމައިފައެވެ. މިކަން ހާމަކުރެއްވީ އެގައުމުގެ ހެލްތު އެންޑް ފެމިލީ މިނިސްޓަރު ކެތްރީން ވަޓްރިން، ބުރާސްފަތި ދުވަހު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
"ކުޑަކުދިން އުޅޭ ތަންތަނުން ދުންފަތް އެއްކޮށް ނައްތާލަން ޖެހޭ،" ވަޓްރިން "އުއެސްޓް-ފްރާންސް" ނޫހަށް ވިދާޅުވިއެވެ.
މި އައު ގަވާއިދުތައް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެ އެވެ. މިއީ އާންމު ތަންތަނުގައި ދުންފަތުގެ ބޭނުން ހިފުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. މި މަނާކުރުމުގެ ދަށުން، ކެފޭތަކާއި ޓެރެސްތައް ނުހިމެނޭނެއެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓް (ވޭޕް) މި އައު ގަވާއިދުން އިސްތިސްނާކޮށްފައިވެ އެވެ.
މި ގަވާއިދާ ޚިލާފުވާ ފަރާތްތައް 135 ޔޫރޯ އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެގައުމުގައި އާންމުންގެ ތާއީދު ދަނީ އިތުރުވަމުންނެވެ. ފަހުގެ ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި ފަރަންސޭސިވިލާތުގެ 62 އިންސައްތަ ރައްޔިތުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ތާއީދުކުރެ އެވެ.
ފަރަންސޭސިވިލާތުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ އާންމު ސިއްހަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިކުރުވާ ކަމެކެވެ. އެގޮތުން، އަހަރަކު ގާތްގަނޑަކަށް 75،000 މީހުން ދުންފަތުގެ ސަބަބުން މަރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!