ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރައްވާތާ 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދޭނެ ދައުލަތުގެ ވަކީލުންނާއި އޮފީހުގެ މުވައްޒަފުންނާގުޅޭ ހިންގުމުގެ އޮނިގަނޑު މި ޤާނޫނުން ޤާއިމުކޮށްދެއެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނާ ގޮތުގައި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޤާއިމުވެގެންދާނެ ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވެއެވެ. މި ބަދަލުތަކާ ގުޅޭ އިޞްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ފެށުމާއެކު ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
ގެނައުމަށް ނިންމާފައިވާ އިޞްލާޙުތަކުގެ ތެރޭގައި، އޮފީސް އެކުލެވިގެންވާ ގޮތާއި، އޮފީހުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނައުމުގެ އިތުރުން، މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރު ކަނޑައެޅުމާއި، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި މުސްކުޅިކުރުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!