ޔެއެފާ ކޮންފަރެންސް ލީގު ކާމިޔާބު ކުރުމާއިއެކު ޔޫރަޕުގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދި ފުރަތަމަ ޓީމުގެ ޝަރަފް ޗެލްސީއަށް ލިބިއްޖެއެވެ.
ކޮންފަރެންސް ލީގުގެ ފައިނަލުގައ ރޭ ޗެލްސީއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު، ޗެލްސީން ކާމިޔާބު ކޮށްފައިވަނީ ބެޓިސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު (4-1) ޖަހައިގެންނެވެ.
ޔޫރަޕްގެ ތިންވަނަ ގިންތީގެ މުބާރާތް ކަމަށްވާ ކޮންފަރެންސް ލީގުގެ ތަށި އުފުލައިލުމާއިއެކު ޗެލްސީ ވެފައިވަނީ ޔޫއެފާއިން އިންތިޒާމުކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. މީގެ ކުރިން ޗެލްސީން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ޔޫއެފާ ސުޕަރ ކަޕް އަދި ކަޕް ވިނާސް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.
މެޗު ފަށައިގެން ފުރަތަމަ ހާފުގައި އެއްކޮށް ހެން ރަނގަޅަށް ކުޅުނީ ބެޓިސް އިންނެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ފުރަތަމަ ހާފުގައި ލަނޑުޖަހައި ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްޑެ އެޒަލްޒޫލީއެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއިން ބެޓިސް ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފަށް ކުޅެން ނުކުމް ޗެލްސީން ވަނީ މޮޅު ކުޅުމެއް ދައްކައި ނަތީޖާ އަނބުރާލާފައެވެ. އެ ޓީމަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއެވެ. އެއީ 60 ވަނަ މިނެޓުގައެވެ. އޭގެ ފަސް މިނެޓު ފަހުން ނިކޮލަސް ޖެކްސަން ލީޑު ނަގައިދިނެވެ. ޗެލްސީގެ ތިން ވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖެހީ ޖޭޑަން ސަންޗޯ އެވެ. އަދި ފަހު ގޯލު އިތުރު ވަގުތުގެ ތެރޭ ވައްދާލީ މޮސިސެސް ކައިސޭޑޯ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!