ބާސެލޯނާއަށް ކުޅެމުން އަންނަ، އުމުރުން 17 އަހަރުގެ ލެމީން ޔަމާލް، އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އާކޮށް، އޭނާގެ އެއްބަސްވުމުގައި ވިއްކާލާފީއެއްގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ހިމަނާފައިވާ ކަމުގައި ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

ޔަމާލް ބާސާއާއިއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް ބާސާއިން މިވަނީ ޔަމާލް ލައްވައި އިތުރު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަލަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން އޭނާ 2031 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އެ ޓީމުގައި މަޑުކުރާނެއެވެ.

Ad
rt

ޔަމާލް ވިއްކާލާ ފީއެއްގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ހިމަނާފައިވާއިރު މިއީ ލަލީގާއިން ޓްރާންސްފާ ފީގެ ގޮތުގައި ކުޅުންތެރިއެއްގެ އެގްރިމެންޓުގައި މިހާތަނަށް ހިމެނި އެންމެ ބޮޑު އަދަދެވެ.

ބާސާގެ ލަ މާސިއާ އެކަޑަމީން ތަމްރީންވީ ޔަމާލް ބާސާގެ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅެފައި ވަނީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައި 2021 ވަނަ އަހަރުއެވެ. އޭނާއަށް ސީނިއާ ޓީމުން ފުރުސަތު ދީފައިވަނީ އޭރު ބާސާގެ ކޯޗުގެ މަގާމުގައި ހުރި ޒަވީ ހެނާންޑޭޒްއެވެ.

އޭގެފަހުން ބާސާގެ ފުރަތަމަ އެގާރާގައި ބަރާބަރަށް ހިމެނި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔަމާލް ވަނީ މިހާތަނަށް ބާސާއަށް 115 މެޗު ކުޅެދީ 25 ލަނޑު ޖަހައިދީފައެވެ.

މި ސީޒަންގައި ބާސާއިން ސްޕެނިޝް ސްޕަކަޕާއި، ކޮޕަ ޑެލް ރޭގެ އިތުރުން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދިއިރު ޔަމާލްގެ ހިއްސާ ބޮޑެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އިންޓަ މިލާން އަތުން ބަލިވެ ބާސާ ކެޓި ނަމަވެސް އެ މެޗުގައި ވެސް ޔަމާލް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ސްޕެއިނާއިއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްދިނުމުގައި ބޮޑު ހިއްސާއެއްވި ޔާމާލް މިހާތަނަށް ގައުމީ ޓީމަށް ވެސް ވަނީ 19 މެޗު ކުޅެދީފައެވެ. ޅައުމުރުގައި ޔަމާލް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާއަކީ ބާސާއަށް ލައިނަލް މެސީ ހޯދައިދިން ކާމިޔާބާއި އެއްވަރު ކާމިޔާބެއް ހޯދައިދޭނެ ކުޅުންތެރިއެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.