މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށް ދާ ދިވެހިންނަށް، އާއިލާއާ ގުޅުން ބަދަހި ކުރުމަށް ސައުދީ ޕާސްޕޯޓް އީސިމްގެ ހާއްސަ ރޯމިން ޕެކޭޖެއް އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ.

އުރީދޫއިން މައުލޫމާތު ދެއްވި ގޮތުގައި، ހައްޖުވުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ފަރާތްތަކަށް ސައުދީ ޕާސްޕޯޓް އީސިމްއަކީ މި ދަތުރުގައި އެންމެ މުހިންމު އެއް ބައިވެރިއެވެ. މި ޕެކޭޖްގެ ދަށުން 8 ޖީބީ ޑޭޓާ 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ. އަދި ސައުދީ އަރަބިއްޔާއަށް އެތެރެވާ ހިސާބުން ފެށިގެން މި ސިމް ބޭނުންކުރެވޭނެއެވެ. މި ޕެކޭޖްގެ އަގަކީ 800 ރުފިޔާއެވެ.

Ad
rt

އުރީދޫ މޯލްޑިވްސްއިން ސައުދީ ޕާސްޕޯޓުގެ ނަމުގައި ރޯމިން ސިމް ކާޑެއް ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުއެވެ. މި ހިދުމަތަކީ އުމްރާއަށް ދާ މީހުންނާއި ހައްޖުވެރިންނަށް ފަސޭހަކަމާއެކު އާއިލާއާ ގުޅުން ބަދަހިކުރުމަށް އުރީދޫއިން ތައާރަފްކުރި ހިދުމަތެކެވެ.

މި އަހަރުގެ ހައްޖު މޫސުމާ ދިމާކޮށް މި ހާއްސަ ޕެކޭޖް ތައާރަފްކޮށްފައިވާއިރު، މިއަދު ވަނީ ހައްޖުވެރިންގެ ދެވަނަ ފްލައިޓް ފުރާފައެވެ. އިއްޔެ ފުރި ފުރަތަމަ ފްލައިޓުގައި 235 ހައްޖުވެރިން ދަތުރުކުރިއިރު، މިއަދުގެ ފްލައިޓުގައި 257 ހައްޖުވެރިން ދަތުރުކުރިއެވެ.

މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ތިންވަނަ ފްލައިޓުގައި 250 ހައްޖުވެރިން ދަތުރުކުރާނެއެވެ. އަދި 30 ވަނަ ދުވަހު ފުރާ އެންމެ ފަހު ފްލައިޓުގައި 250 ހައްޖުވެރިން ދަތުރުކުރާނެއެވެ. މި އަހަރު ޖުމްލަ 992 ދިވެހިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދަތުރުކުރެއެވެ.