ޙައްޖު މަހުގެ ހަނދު އަންގާރަ ދުވަހު ބެލުމަށް ސައޫދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން ގޮވާލައިފިއެވެ.

ސައޫދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން އަންނަ އަންގާރަ ދުވަހުގެ ހަވީރު ޙައްޖު މަހުގެ ހަނދު ބެލުމަށް މުސްލިމުންނަށް ގޮވާލައިފައިވާއިރު، މިއީ ޛުލްޤައިދާ މަހުގެ 29 ވަނަ ދުވަހާ ދިމާވާ މޭ މަހުގެ 27 ވަނަ ދުވަހެވެ.

Ad
rt

އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ހަނދު ފެންނަ ކޮންމެ މީހަކުވެސް އެކަން އެންމެ އަވަހަށް އެންމެ ކައިރީގައި ހުރި ކޯޓަކަށް އަންގައި، ހެކިބަސް ދޭންވާނެ ކަމަށެވެ. ނުވަތަ އެންމެ ކައިރީގައި ހުރި ސަރުކާރުގެ އޮފީހަކަށް ގުޅައި، އެންމެ ކައިރީގައި ހުރި ކޯޓަކާ ގުޅުމަށް އެހީތެރިކަން ހޯދުމަށެވެ.

ސުޕްރީމް ކޯޓުން އުންމީދު ކުރަނީ ހަނދު ބެލުމުގެ ޤާބިލުކަން ހުރި ފަރާތްތަކުން ސައުދީގެ އެކި ސަރަޙައްދުތަކުގައި މިކަމަށް އެކުލަވާލާފައިވާ ކޮމިޓީތަކުގައިި ބައިވެރިވާނެ ކަމަށެވެ. "މިކަމުގައި ބައިވެރިވުމަކީ ހެޔޮކަންތަކާއި ތަޤްވާވެރިކަމުގައި އެއްބާރުލުން ދިނުމެވެ. އަދި މިއީ ހުރިހާ މުސްލިމުންނަށްވެސް ފައިދާ ކުރާނެ ކަމެކެވެ. މިކަމުގައި ބައިވެރިވާ ފަރާތްތަކަށް ﷲ ގެ ޙަޟްރަތުން ދަރުމަ ލިބޭނެއެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.

ސައޫދީން މިގޮތަށް ގޮވާލާފައިވާއިރު، މިއީ ދިވެހިރާއްޖޭއަށްވެސް މުހިންމު ވާހަކައަކަށް ވާނެއެވެ. ސަބަބަކީ ދިވެހިރާއްޖެއިން ޢީދު ނުވަތަ ހައްޖުދުވަސް ކަނޑައަޅާނީ ސައޫދީ އަރަބިއްޔާއާ އެއްގޮތަށް ކަމަށް ވާތީއެވެ. އެހެންކަމުން، ދިވެހިންވެސް ޙައްޖު މަހުގެ ހަނދު ބެލުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.