ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

ރޭ ރެއާލްގެ ސަންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ އެތައް ގޮތަކުން ވަރަށް ހާއްސަ މެޗެކެވެ. މެޗު ހާއްސަވީ އެންމެ ބޮޑު އެއްސަބަބަކީ މިއީ ރެއާލްގެ ދަނޑުގައި އެ ޓީމްގެ ލެޖެންޑަރީ ކުޅުންތެރިޔާ ލުކާ މޮޑްރިޗް ކުޅޭނެ ފަހު މެޗަށް ވުމެވެ. އަދި އެ ޓީމްގެ އެންމެ ކާމިޔާބު ކޯޗް ކާލޯ އަންޗެލޮޓީ އެ ޓީމަށް އިރުޝާދުދޭ ފަހު މެޗަށް ވެސް ވުމެވެ.

Ad
rt

އުމުރުން 39 އަހަރުގެ މޮޑްރިޗް ރެއާލް މެޑްރިޑާއިއެކު ހަދާފައިވާ އެއްބަސްވުމަށް މިދިޔަ އަހަރު ވަނީ އެއް އަހަރު ދުވަސް އިތުރު ކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. މި ސީޒަނަށް ފަހު ރެއާލުގެ ކޯޗުކަމާއި ޒަބީ އެލަންސޯ ހަވާލުވާއިރު، އެ ޓީމުން ވަނީ މޮޑްރިޗްގެ އެއްބަސްވުން އައު ނުކުރަން ނިންމާފައެވެ.

2012 ވަނަ އަހަރު ޕްރިމިއާ ލީގުގެ ޓޮޓެންހަމުން ރެއާލް މެޑްރިޑަށް ބަދަލުވި މޮޑްރިޗް ވަނީ އެ ކްލަބާއިއެކު 28 މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު ހަ ފަހަރު އަދި ލަލީގާގެ ޗެމްޕިއަންކަން ހަތަރު ފަހަރު ވަނީ ހޯދާފައެވެ. މީގެ އިތުރުން ފީފާ ކްލަބް ވޯލްޑްކަޕް ހަ ފަހަރު އަދި ޔޫރަޕިއަން ސުޕަރ ކަޕް ފަސް ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ. އޭނާއަކީ ރެއާލުގައި މިހާތަނަށް އެންމެ ގިނަ ތަށި ކާމިޔާބުކުރި ކުޅުންތެރިޔާއެވެ.

ރޭ މެޗަށް ފަހު ރެއާލުގެ ދަނޑުގައި ސަޕޯޓަރުންނާއި ވަދާއީ ސާލްމްކުރަމުން ފެންކަޅިވެ ހުރެ މޮޑްރިޗް ސަޕޯޓަރުންގެ އަރިހުން އެދުނީ ނުރުއިމަށެވެ. އޭނާބުނީ މިއީ އަންނާނެ ވަގުތެއް ކަމަށާއި، މިހާރު މިކަން މި އޮތީ ނިމިފައިކަމަށެވެ. މޮޑްރިޗް ވާހަކަ ދައްކަމުންދިޔައިރު ސަޕޯޓަރުން ދިޔައީ ވަރަށް ބޮޑަށް އޭނާއަށް ތަރުހީބު ދެމުންނެވެ. ގިނަ ސަޕޯޓަރުން ތިބީ ފެންކަޅިވެފައެވެ.

މި ސީޒަނަށް ފަހު އަންޗެލޮޓީ ވަނީ ބްރެޒިލްގެ ގައުމީ ޓީމްގެ ކޯޗުކަމާއި ހަވާލުވުމަށް އެއްބަސްވެފައެވެ. އޭނާއަކީ ބްރެޒިލަށް ކޯޗުކޮށްދޭ އެ ގައުމުން ބޭރު ފުރަތަމަ ކޯޗެވެ.

އަންޗެލޮޓީ ރެއާލުގެ ކޯޗުކަމާއި ދެވަނަ ފަހަރަށް ހަވާލުވީ 2021 ވަނަ އަހަރުއެވެ. އަންޗެލޮޓީ ދެފަހަރެއްގެމަތީން ރެއާލަށް އިރުޝާދުދީފައިވާއިރު އޭނާ ވަނީ އެ ޓީމަށް 15 ތައްޓެއް ކާމިޔާބު ކޮށްދީފައެވެ. އޭގެތެރޭގައި ތިން ޗެމްޕިއަންސް ލީގު ވެސް ހިމެނެއެވެ. އޭނާއަކީ ރެއާލުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗެވެ.

ރޭ މެޗަށް ފަހު ސަޕޯޓަރުންނާއި ވަދާއީ ސަލާމް ކުރަމުން ކޯޗް އަންޗެލޮޓީ ބުނީ ރެއާލަށް ކޯޗުކޮށްދިނުމުގެ ފުރުސަތު ދިނީތީ، ކްލަބްގެ ރައީސް ޕެރޭޒްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަންޗެލޮޓީގެ ވަދާއީ ވަގުތުކޮޅު ވާހަކަ ދައްކަމުންދިޔަ ވަގުތު ޕެރޭޒްގެ ލޮލޮން ވެސް ފެނިގެން ދިޔައީ ކަރުނައެވެ.

އަންޗެލޮޓީ އިތުރަށް ބުނީ މިއީ ވަރަށް ހާއްސަ ދުވަސްތަކެއް ކަމަށާއި މި ކުލަބުގައި ހޭދަކުރި ކޮންމެ ވަގުތަކީ ވެސް އުފަލުގައި ހޭދަކުރި ދުވަސްތަކެއް ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް ރެއާލުގެ ސަޕޯޓަރެއް ކަމުގައި އަންޗެލޮޓީ ބުންޏެވެ.

ރޭ މެޗުގައި ރެއާލަށް ދެ ލަނޑު ވެސް ޖަހައިދިނީ އެމްބާޕޭއެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 31 ވަނަ ލަނޑެވެ. ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޭނާ އޮތީ ދެވަނާގައި އޮތް ލެވަންޑޯސްކީއަށް ވުރެ ހަ ގޯލު އިތުރަށް ޖަހައިގެންނެވެ.