ފްރެންޗް ކަޕް ފައިނަލް މެޗުގައި ރޭ ރެއިމްސް ބަލިކޮށް، ޕީއެސްޖީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ޕީއެސްޖީން ފައިނަލް މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ.

ރޭ މެޗުގައި ޕީއެސްޖީން ޖެހި ތިން ލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ޕީއެސްޖީން ކާމިޔާބުކުރި ފުރަތަމަ ދެ ލަނޑު ވެސް ޖަހައިދިނީ ބާކޯލާއެވެ. އޭނާ މި ދެލަނޑު ޖަހާފައިވަނީ ޑުއޭގެ އެހީތެރިކަމާއި އެކުއެވެ. އެ ޓީމްގެ ތިންވަނަ ލަނޑު ޖަހައިދިނީ އޝްރަފް ހަކީމީއެވެ.

Ad
rt

ޕީއެސްޖީން މި ސީޒަންގައި މިހާތަނަށް ދެ ތައްޓެއް މިވަނީ ކާމިޔާބު ކޮށްފައެވެ. އެއީ ފްރެންޗް ލީގާއި ފްރެންޗް ކަޕެވެ. އަދި އިތުރު ތައްޓެއް ކާމިޔާބު ކުރުމުގެ ފުރުސަތު ޕީއެސްޖީއަށް އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދާފައިވާއިރު، ފައިނަލުގައި މިމަހު ފަހު ދުވަހު ޕީއެސްޖީ ނުކުންނާނީ އިންޓަ މިލާނާއި ދެކޮޅަށެވެ. ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ މި ސީޒަންވާނީ އެ ޓީމްގެ ތާރީހުގައި ވެސް އަލަށް ތިންތަށި ކާމިޔާބުކުރެވޭނެއެވެ. އަދި އަލަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރެވޭނެއެވެ.

މިވަގުތު ޕީއެސްޖީގެ ކޯޗްގެ މަގާމުގައި ހުރި ލުއިސް އެންރީކޭ މީގެކުރިން ވަނީ ކޯޗެއްގެ ގޮތުގައި އެއް ސީޒަނެއްގައި ތިންތަށި ކާމިޔާބު ކޮށްފައެވެ. އެއީ 2015 ވަނަ އަހަރު ބާސެލޯނާއަށް ސްޕެނިޝް ލީގާއި، ކޮޕް ޑެލް ރޭގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީގެންނެވެ.