ޣައްޒާއަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއް ޑޮކްޓަރެއްގެ ގެއަށް އަރައި، އޭނާގެ 10 ދަރިންގެ ތެރެއިން 9 ދަރިން މަރުވެއްޖެ ކަމަށް، އޭނާ މަސައްކަތް ކުރާ ޚާން ޔޫނިސް ސިޓީގެ ނާސިރު ހޮސްޕިޓަލުން ބުނެފިއެވެ.
ނާސިރު ހޮސްޕިޓަލުން ބުނީ ޑރ. އަލާ އަލް-ނައްޖާރުގެ އެއް ދަރިފުޅާއި އޭނާގެ ފިރިމީހާ އެހަމަލާއިން، ސަލާމަތްވި ކަމަށެވެ.
އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އިނގިރޭސި ސަރޖަންއެއް ކަމަށްވާ ގްރޭމް ގްރޫމް، ސަލާމަތްވި 11 އަހަރުގެ ފިރިހެން ކުއްޖާއަށް އޮޕަރޭޝަން ކުރެއްވުމަށްފަހު ބީބީސީއަށް ވިދާޅުވީ، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި އަހަރުތަކެއް ވަންދެން ކުޑަކުދިންނަށް އަޅާލި މަންމައަކަށް، އެންމެ މިސައިލް ހަމަލާއަކުން އޭނާގެ ހުރިހާ ދަރިންހެން ގެއްލުމަކީ "އިންސާނިއްޔަތުކަމުގެ ކުނޑިފަށެއް ވެސް ނެތް އަނިޔާވެރިކަމެއް" ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ހުކުރު ދުވަހު ޚާން ޔޫނިސްގައި "ޝައްކުކުރެވޭ ގިނަ އަދަދެއްގެ މީހުންނަށް" އަމާޒުކޮށް އެއަރކްރާފްޓްތަކުން ހަމަލާދީފައިވާ ކަމަށާއި، "އާންމު ރައްޔިތުންނަށް ގެއްލުންވި ކަމަށް ކުރެވޭ ދައުވާ އިތުރަށް ބަލަމުން އަންނަ" ކަމަށެވެ.
ހަމާސްގެ އިދާރީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ހިއްސާކޮށް، ބީބީސީން ޔަގީންކޮށްފައިވާ ވީޑިއޯއަކުން، ޚާން ޔޫނިސްގައި ދިން ހަމަލާއެއްގެ ތެރެއިން، ކުޑަކުޑަ ކުދިންގެ، އަނދާފައިވާ ހަށިތައް ނަގާ މަންޒަރު ފެނެއެވެ.
އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނީ "ޚާން ޔޫނިސް ސަރަހައްދުގައި ހުރި އިމާރާތެއްގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް ފާހަގަކުރެވުނު ގިނަ އަދަދެއްގެ ޝައްކުކުރެވޭ މީހުންނަށް އެއަރކްރާފްޓްތަކުން ހަމަލާދިން" ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ، "ޚާން ޔޫނިސް ސަރަހައްދަކީ ނުރައްކާތެރި ހަނގުރާމައިގެ ސަރަހައްދެއް. އެ ސަރަހައްދުގައި އޮޕަރޭޝަންތައް ފެށުމުގެ ކުރިން، އައިޑީއެފްއިން ވަނީ އަމިއްލަ ސަލާމަތަށްޓަކައި އެ ސަރަހައްދުން އާންމު ރައްޔިތުން ހުސްކޮށްފައި" ކަމަށެވެ.
ހޮނިހިރު ދުވަހު ނެރުނު އާންމު ބަޔާނެއްގައި އައިޑީއެފް އިން ބުނީ، ފާއިތުވި ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކުގައި 100 އަށްވުރެ ގިނަ ތަނަށް ހަމަލާދީފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ، ހޮނިހިރު ދުވަހުގެ މެންދުުރާ ހަމައަށް އައިއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ އަސްކަރިއްޔާގެ ހަމަލާތަކުގައި މަދުވެގެން 74 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!