މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށްދާ 100 ގައުމަކުން 1300 މީހުންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް، މެހެމާންދާރީ އަދާކުރެއްވުމަށް އަމުރު ކުރައްވައިފިއެވެ.
މިއީ ކޮންމެ އަހަރަކު ކުރިއަށްގެންދާ "ގެސްޓްސް އޮފް ދަ ކަސްޓޯޑިއަން އޮފް ދަ ޓޫ ހޯލީ މޮސްކްސް ޕްރޮގްރާމް ފޮރ ހައްޖު، އުމްރާ އެންޑް ވިޒިޓް" ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި އިސްނެގުން ހިންގަނީ ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސް އިންނެވެ.
މިކަމާ ގުޅިގެން، ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އަދި މި ޕްރޮގްރާމްގެ ޖެނެރަލް ސުޕަވައިޒަރ އައްޝައިޚް ޑރ. ޢަބްދުއްލަތީފް އައްޝައިޚް ވަނީ މި ދީލަތި އަމުރުފުޅަށްޓަކައި ރަސްގެފާނު ސަލްމާން އާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަށް ޝުކުރު އަދާކުރައްވާފައެވެ.
އޭނާ ވިދާޅުވީ މި ފިޔަވަޅުން ދައްކުވައިދެނީ އިސްލާމީ މައްސަލަތަކަށް އެހީތެރިވުމަށް އެ ރަސްކަމުން ދެމުންގެންދާ އަހައްމިއްޔަތާއި މުސްލިމް އުއްމަތުގައި ސަޢުދީ ޢަރަބިއްޔާ އަދާކުރާ އިސް ދައުރު ކަމަށެވެ.
ވަޒީރު ޔަގީންކޮށްދެއްވި ގޮތުގައި، މެހެމާނުންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީން ވަނީ ވަގުތުން ވަސީލަތްތައް ތައްޔާރުކޮށްފައެވެ. މައްކާ އާއި މަދީނާގެ މުހިންމު އިސްލާމީ އަދި ތާރީޚީ ތަންތަނަށް ފީލްޑް ވިޒިޓްތަކުގެ އިތުރުން، ދީނީ، ސަގާފީ، އަދި އެކަޑެމިކް ޕްރޮގްރާމްތައް ހިމެނޭ އޮޕަރޭޝަނަލް ޕްލޭނެއް މިހާރުވެސް އެކުލަވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މެހެމާނުންގެ ދީނީ އަދި ފިކުރީ ދަތުރު މުއްސަނދިކުރުމަށްޓަކައި ދެ ހަރަމްފުޅުގެ މަޝްހޫރު ޢިލްމުވެރިންނާއި އިމާމުންނާ ބައްދަލުވުންތައް ވެސް މި ޕްރޮގްރާމްގައި ހިމެނެއެވެ.
1417ހ. ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމްގެ ދަށުން 140 ގައުމަކުން ގާތްގަނޑަކަށް 65،000 ހާޖީންނަށް މެހެމާންދާރީ އަދާކޮށް، އެމީހުން ހޮވާ ހިސާބުން ފެށިގެން ހައްޖު ފުރިހަމަކޮށް އެނބުރި ގައުމަށް ދާންދެން ފުރިހަމަ ލޮޖިސްޓިކަލް، ދީނީ، ސިއްހީ، އަދި ސަގާފީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!