ހާވާޑް ޔުނިވަރސިޓީއަށް ބޭރުގެ ދަރިވަރުން ވެއްދުން މަނާކުރުމަށް ޓްރަމްޕް ކުރި މަސައްކަތް ހުއްޓުވުމުގެ ގޮތުން އެމެރިކާގެ ފަނޑިޔާރަކު ވަގުތީ އަމުރެއް ނެރެފިއެވެ.
މި ހުކުމް ނެރެފައިވަނީ، އެމެރިކާގެ މެސެޗޫސެޓްސްގެ ބޮސްޓަންގައި ހުންނަ ފެޑެރަލް ޑިސްޓްރިކްޓް ކޯޓުން ހުކުރު ދުވަހުއެވެ. ކޯޓުން މި އަމުރު ނެރުނީ، ހާވާޑުން ހުކުރު ދުވަހުގެ ކުރީކޮޅު ހުށަހެޅި ކުއްލި ޕެޓިޝަނަކާ ގުޅިގެންނެވެ.
އެ ޕެޓިޝަންގައި ހާވާޑުން ވަނީ ބައިނަލްއަގްވާމީ ދަރިވަރުން އެންރޯލް ކުރުމަށް ބޭނުންކުރާ، ސަރުކާރުގެ 'ސްޓޫޑެންޓް އެންޑް އެކްސްޗޭންޖް ވިޒިޓަރ ޕްރޮގްރާމް' (އެސްއީވީޕީ) ބޭނުންކުރުން ޓްރަމްޕްގެ އިދާރާއިން އެ ޔުނިވަރސިޓީއަށް މަނާކުރުމުން، އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެދިފައެވެ.
ޔޫއެސް ޑިސްޓްރިކްޓް ޖަޖް އެލިސަން ބަރޯޒް ވަނީ، ޓްރަމްޕްގެ އިދާރާގެ ނިންމުން ތަންފީޒުކުރަން ފުރުސަތު ދީފިނަމަ، ހާވާޑަށާއި އެ ޔުނިވަރސިޓީގެ ދަރިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެކަމަނާގެ އަމުރު ދެ ހަފްތާއެއްހާ ދުވަހަށް ދެމިގެންދާނެއެވެ. އަދި މައްސަލައިގެ އަޑުއެހުންތައް މެއި މަހުގެ 27 އަދި 29 ގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.
މިއީ ދެ މަސް ނުވަނީސް ޓްރަމްޕްގެ އިދާރާއާ ދެކޮޅަށް ހާވާޑުން ހުށަހެޅި ދެވަނަ ދައުވާއެވެ.
މި އެންމެ ފަހުގެ ދައުވާ ހުށަހަޅާފައިވަނީ، ބުރާސްފަތި ދުވަހު ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޮއެމް އިއުލާންކުރެއްވި ނިންމުމަކާ ގުޅިގެންނެވެ. އެކަމަނާގެ ޑިޕާޓްމަންޓުން ބަލަހައްޓާ އެސްއީވީޕީ ބޭނުންކުރުމުގެ ހުއްދަ ހާވާޑަށް ދީފައި އޮތުން ބާތިލްކުރީ، ޓްރަމްޕްގެ އިދާރާއިން ފާޅުކުރި ކަންބޮޑުވުންތަކަށް އެ ޔުނިވަރސިޓީން ފިޔަވަޅު އަޅާފައި ނުވާތީ ކަމަށް ނޮއެމް ވިދާޅުވިއެވެ.
ނޮއެމް ސޯޝަލް މީޑިއާގައި ވިދާޅުވީ، "މި ސަރުކާރުން ހާވާޑް ޒިންމާދާރުކުރުވަނީ އެ ޔުނިވަރސިޓީގެ ކެމްޕަހުގައި ހަމަނުޖެހުން އުފައްދައި، އެންޓިސެމިޓިޒަމް ފަތުރައި، އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމުގެ ސަބަބުން" ކަމަށެވެ.
މި ބާތިލްކުރުމުގެ މާނައަކީ ހާވާޑަށް ދެން ބޭރުގެ ދަރިވަރުން އެންރޯލް ނުކުރެވޭނެއެވެ. އަދި މިހާރު އެންރޯލްވެފައި ތިބި ދަރިވަރުން އެހެން ޔުނިވަރސިޓީއަކަށް ބަދަލުވާން ޖެހޭނެއެވެ.
މިއީ ހާވާޑަށާއި އެމެރިކާގެ އެހެން ބޮޑެތި ޔުނިވަރސިޓީތަކަށް ޓްރަމްޕް ދެމުން ގެންދިޔަ ފިއްތުންތަކުގެ ތެރެއިން ވަރަށް ބޮޑު ފިއްތުމެކެވެ. އޭނާ ވަނީ އެ ޔުނިވަރސިޓީތަކުން އެންޓިސެމިޓިޒަމްއަށް ފުރުސަތުދީ، "ތަފާތުކުރުމުގެ" ޑައިވަރސިޓީ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް، އަދި ވަކި ފިކުރެއް ކުރިއަރުވާ ކަމަށް ތުހުމަތުކޮށްފައެވެ.
ނަމަވެސް، ހުކުރު ދުވަހު ހުށަހެޅި ދައުވާގައި ހާވާޑުން ބުނީ ޓްރަމްޕްގެ އިދާރާގެ އަމަލުތަކަކީ އެމެރިކާގެ ގާނޫނު އަސާސީއާއި އެހެނިހެން ފެޑެރަލް ގާނޫނުތަކާ "ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުން" ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!