ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ 'ގަތުލުއާންމު' ގައި ޣައްޒާގެ ރައްޔިތުންނަށް 'ރަޙުމް' ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެރިޔާ، ޑރ. ޓެޑްރޯސް އިޒްރޭލަށް ‏‏ގޮވާލައްވައިފި‏އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޑަބްލިއުއެޗްއޯގެ އަހަރީ ބައްދަލުވުމުގައި ޓެޑްރޯސް ކީރިތި ކުރައްވަމުން ވިދާޅުވީ މި ހަނގުރާމައަކީ އިޒްރޭލަށް ވެސް ގެއްލުންދެނިވި ކަމެއް ކަމަށާއި، ހަނގުރާމަ ކުރުމަކުން ދާއިމީ ހައްލެއް ނުގެނެސްދޭނެ ކަމަށެވެ.

Ad
rt

"ޣައްޒާގެ ރައްޔިތުންނަށް މިވަގުތު އިޙްސާސް ކުރެވޭނެ ގޮތް އަޅުގަނޑަށް ވެސް އިޙްސާސް ކުރެވޭ. އަޅުގަނޑަށް އޭގެ ވަސް ދުވާ، އަޅުގަނޑަށް އެ މަންޒަރު ސިފަކުރެވޭ، އަޑުތައްވެސް އަޅުގަނޑަށް އިވޭ. އިތިއޯޕިއާގައި ހަނގުރާމައިގެ ތެރޭގައި އޭނާގެ ކުޑައިރު އުޅުއްވަން ޖެހިވަޑައިގެންނެވި ހަނދާންތައް އާކުރައްވަމުން ޓެޑްރޯސް ވިދާޅުވިއެވެ.

" ކާބޯތަކެތި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ވަރަށް ނުބައި ކަމެއް. ބޭސް ސާމާނު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ވެސް ވަރަށް ނުބައި ކަމެއް." ޓެޑްރޯސް އިތުރަށް ވިދާޅުވިއެވެ.

އިޒްރޭލުން މާޗް 2 ވަނަ ދުވަހު ޣައްޒާ އެއްކޮށް ބަންދުކޮށްލުމަށްފަހު، ފުރަތަމަ ފަހަރަށް ބުރާސްފަތި ދުވަހު އދ. އިން ވަނީ ގާތްގަނޑަކަށް 90 ޓްރެކްގެ އެހީ ޣައްޒާއަށް ފޯރުކޮށްދޭން ފަށާފައެވެ.

ޓެޑްރޯސް ވިދާޅުވީ ހަނގުރާމަ ނުކޮށް ހަމައެކަނި ސިޔާސީ ހައްލަކުން ވެސް މާނަފުން ސުލްޙައެއް ގެނެވިދާނެ ކަމަށެވެ. ސުލްޙައަށް ގޮވާލުމަކީ ހަމަ އިޒްރޭލުގެ އަމިއްލަ މަސްލަހަތުގައިވެސް އޮތް ކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ އިމަޖެންސީޒް ޑިރެކްޓަރ މައިކަލް ރަޔަން ވިދާޅުވީ ޣައްޒާގެ 2.1 މިލިއަން މީހުން "މަރުގެ ނުރައްކަލާ ވަރަށް ކައިރީގައި" ތިބި ކަމަށެވެ.

"އަޅުގަނޑުމެން ބަނޑުހައިހޫނުކަން ނިންމަންޖެހޭ، ހުރިހާ ރަހީނުން ދޫކޮށްލަންޖެހޭ، އަދި ސިއްޙީ ނިޒާމަށް އަލުން ސާމާނު ފޯރުކޮށްދީ ހިންގަން ފަށަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ރަހީނެއްގެ ހައިސިއްޔަތުން އޭނާ ވިދާޅުވީ ހުރިހާ ރަހީނުން ދޫކޮށްލަންޖެހޭ ކަމަށާއި އެމީހުންގެ އާއިލާތައް ތަކުލީފު އުފުލަމުންދާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުން ކާބޯތަކެތި، ފެން، ބޭސް، ތެޔޮ އަދި ހިޔާވަހިކަމުގެ ވަރަށް ބޮޑު ދަތިކަމެއް ތަޙައްމަލު ކުރަމުންދާ ކަމަށެވެ. ފާއިތުވި ހަފްތާގައި ހަތަރު ބޮޑު ހޮސްޕިޓަލެއްގެ ޚިދުމަތް މެދުކަނޑާލަން ޖެހުނު ކަމަށާއި، ޣައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން މިހާރު ހިނގަމުން އަންނަނީ ހަމައެކަނި 19 ހޮސްޕިޓަލް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުގެ މަދުވެގެން 94 އިންސައްތަ ހަލާކުވެފައި ނުވަތަ ސުންނާފަތިވެފައި" ވާކަމަށާއި، އުތުރު ޣައްޒާއިން "މުޅިންހެން ސިއްޙީ ޚިދުމަތް ކެނޑިފައި" ވާކަމަށްވެސް އެ ޖަމްޢިއްޔާއިން ބުންޏެވެ.