ޗައިނާ ސަރުކާރުގެ އެހީގައި ބޮޑު ތިލަދުންމަތީގެ 10 ރަށެއް ހިމެނޭހެން ޖުމްލަ 50 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

މި މަޝްރޫޢު ހިންގުމަށްޓަކައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ލެޓަރ އޮފް އެކްސްޗޭންޖުގައި އިއްޔެ ސޮއި ކުރަށްވާފައިވާއިރު، މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުالله މުއްތަލިބު ސޮއި ކުރައްވާފައިވާއިރު، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ އެވެ.

Ad
rt

50 ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ ކޮންސްޓްރަކްޝަން މިނިސްޓްރީންނެވެ. އަދި 50 ކައުންސިލް އިދާރާގެ އިތުރުން 55 ކައުންސިލެއްގެ އިމާރާތުގެ މަސައްކަތް މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އާއި ވަނީ ހަވާލުކޮށްފައެވެ.

އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ބޮޑު ތިލަދުންމަތީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 10 ކައުންސިލް އިދާރާ ނިސްބަތްވާ ރައްތަކަކީ، ހދ. ވައިކަރަދޫ، ކުމުންދޫ، ނޭކުރަންދޫ އަދި ހއ. ވަށަފަރު، އިހަވަންދޫ، ދިއްދޫ އާއި ށ. ފޭދޫ، ކޮމަންޑޫ، ނަރުދޫ އަދި ގޮއިދޫ އެވެ.

މި މަޝްރޫޢު ޤާއިމްކުރުމަށް ހަވާލުކުރެވުނު ޗައިނާ އެއިޑްގެ ދަށުން 50 ކައުންސިލް އިދާރާތަކުގައި އޮފީސް އިމާރާތްތައް އެޅުމުގެ މަސައްކަތް ހިންގައި، މަސައްކަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ޒަމާނީ ވޯކްސްޕޭސް އެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އަދި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ޗައިނާ އެމްބަސީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.