ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) ހޯދައިފިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އޮތީ މިރޭ މާލޭގެ ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ ހޯދި ސްޓެލްކޯ އަށް އިނާމް ހަވާލުކޮށްދެއްވީ ރައީސް މުޢިއްޒެވެ. އެ އިނާމާއި ސްޓެލްކޯގެ ފަރާތުން ހަވާލުވެލެއްވީ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހްމީ އެވެ.
ސްޓެލްކޯގެ ކާމިޔާބު ޝޯކޭސްގައި ހިމެނިފައި ވަނީ "ރީޖަނަލް ސްކާޑާ" ސިސްޓަމެވެ. ރީޖަނަލް ސްކާޑާއަކީ ސްޓެލްކޯގެ ރަށްތަކުގެ ހުރިހާ ކަރަންޓު އުފެއްދުމުގެ ކަންތައްތައް މޮނިޓަރކުރުމަށް އެ ކުންފުނިން ތަރައްޤީކޮށްފައިވާ ނިޒާމެކެވެ.
Alhamdulillah! We are thrilled to announce that Team STELCO has secured 1st place in the SOE Category at the #MaldivesExpo2025. We showcased our "SCADA" system.@STELCOMALDIVES pic.twitter.com/5WdGoWUK1q
— Hussain Fahmy (@HussainFahmy09) May 22, 2025
މި ރަސްމިއްޔާތުގައި ޖުމްލަ 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެއެވެ. މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ބައިވެރިވެފައިވެއެވެ. އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެކެވެ.
މި މަޢުރަޒު ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ. މަޢުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!