އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލުން ހަމަލާ ދީފިނަމަ އެމެރިކާ ޖަވާބުދާރީ ކުރުވާނެ ކަމަށް އީރާނުން ބުނެފިއެވެ،
އީރާނުން މިހެން ބުނެފައިވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލުން ހަމަލާ ދޭން ތައްޔާރުވަމުންދާ ކަމަށް ސީއެންއެން އިން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
އެފަދަ ހަމަލާއެއް އިޒްރޭލުން ދީފިނަމަ އެމެރިކާ ޖަވާބުދާރީ ކުރުވާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އަބްބާސް އަރަޤްޗީ ވަނީ އިންޒާރު ދެއްވާފައެވެ.
އެކަމާ ގުޅޭ ގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސްއަށް ފޮނުވި ސިޓީއެއްގައި އަރަޤްޗީ ވިދާޅުވެފައިވަނީ، "އިޒްރޭލުގެ ޒައިއޮނިސްޓު ވެރިކަމުން އެއްވެސް ހަމަލާއެއް ދިނުމާ މެދު އީރާނުން ވަރަށް ހަރުކަށި އިންޒާރު ދޭނެ ކަމުގައެވެ. އަދި އެ ވެރިކަމުން ކުރާ އެއްވެސް ބިރުދެއްކުމަކަށް ނުވަތަ ޤާނޫނާ ޚިލާފު ޢަމަލަކަށް ހަރުކަށި ގޮތެއްގައި ޖަވާބުދޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އީރާނާއި އެމެރިކާ އާ ދެމެދު ނިއުކްލިއާ މަޝްވަރާތަކުގެ ފަސްވަނަ ބުރު މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް، އީރާނުގައި ޔުރޭނިއަމް މުއްސަނދި ކުރުމާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި ބޮޑު ޚިޔާލު ތަފާތުވުމެއް އެބައޮތެވެ.
އެމެރިކާއިން ބުނާ ގޮތުގައި މިކަމުގެ ސަބަބުން އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުޞަތު ލިބިދާނެއެވެ. ނަމަވެސް، އީރާނުން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަޤްޞަދެއް ނެތް ކަމަށާއި، އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
އަރަޤްޗީ އިތުރަށް ވިދާޅުވެފައިވަނީ، "އިޒްރޭލުގެ ބިރުދެއްކުންތައް ހުއްޓުވުމަށް އިންޓަނޭޝަނަލް ކޮމިއުނިޓީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވާނެކަމަށެވެ. މިކަން ހުއްޓުވުމަށް ފިޔަވަޅު ނާޅައިފިނަމަ، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި މެޓީރިއަލްތައް ދިފާޢު ކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހިދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެފަދަ ހަމަލާއެއްގައި އެމެރިކާ "ބައިވެރިވާ" ފަރާތެއްގެ ގޮތުގައި ދެކޭނެ ކަމަށްވެސް އަރަޤްޗީ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!