ޕާކިސްތާނާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް، މުވާސަލާތީ ގުޅުން ތައް ދެމެހެއްޓުމަށް އެއްބަސްވެއްޖެއެވެ.
ޕާކިސްތާނުން ބުދަ ދުވަހު ބުނެފައިވަނީ، އިންޑިއާއާއެކު ހިނގި ނުރައްކާތެރި ހަނގުރާމައެއް ނިމުނުތާ ދުވަސްކޮޅެއް ފަހުން، ޗައިނާއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. މި ހަނގުރާމައާ ގުޅިގެން ޗައިނާއިން ވަނީ ދެ ޤައުމުގެ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުމަށް ގޮވާލާފައެވެ.
ދެ ޤައުމުގެ ދެބަސްވުންތައް ފެށުނީ އޭޕްރީލް 22 ވަނަ ދުވަހު އިންޑިއާގެ ކަޝްމީރުގައި ހިނގި ހަމަލާއަކާ ގުޅިގެންނެވެ. މި ހަމަލާގައި 26 މީހުން މަރުވެފައިވެއެވެ. އިންޑިއާއިން މި ހަމަލާގެ ޒިންމާ ޕާކިސްތާނާ ގުޅުވާފައިވީނަމަވެސް، އިސްލާމާބާދުން ވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެފައެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރ އިޝާޤް ދާރު ބީޖިންގގައި ޗައިނާގެ ފޮރިން މިނިސްޓަރ ވަންގ ޔީއާ ބައްދަލުކުރިއެވެ. ޗައިނާއިން ބުނެފައިވަނީ، ޕާކިސްތާނާއި އިންޑިއާއިން އެ ޤައުމުތަކުގެ ތަފާތުތައް ވާހަކަދައްކައިގެން ހައްލުކޮށް، ދެމެހެއްޓެނިވި ހުއްޓުމަކަށް އައުމަށް ކުރާ މަސައްކަތްތަކަށް މަރުހަބާކިޔާ ކަމަށާއި އެކަމަށް ތާއީދުކުރާ ކަމަށެވެ.
ވަންގ ޔީ ބުނެފައިވަނީ، ޕާކިސްތާނުގެ ޤައުމީ މިނިވަންކަމާއި ސަރަހައްދީ ސަލާމަތް ހިމާޔަތްކުރުމަށް ޗައިނާއިން ތާއީދުކުރާނެ ކަމަށެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ދާރާއި ވަންގ ވަނީ ބީޖިންގގައި އަފްޣާނިސްތާނުގެ އެކްޓިންގ ފޮރިން މިނިސްޓަރ އަމީރު ޚާން މުއްތަޤީއާއެކު އިތުރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ލީޑަރުން ނިންމާފައިވަނީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ އަފްޣާނިސްތާނަށް ފުޅާކޮށް، ޗައިނާގެ ގްލޯބަލް އިންފްރާސްޓްރަކްޗަރ ޕްރޮގްރާމް ކަމަށްވާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަށް އިތުރަށް އެއްބާރުލުން ދިނުމަށެވެ.
ތިން ލީޑަރުންގެ ދެން އޮންނަ ބައްދަލުވުން ބޭއްވޭނީ ކާބުލްގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!