ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެ ކުންފުނީގެ އިތުބާރުހުރި ޕާޓްނަރެއް ކަމުގައިވާ ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރު ސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕް ވޯޓްސިލާ އާއި އެކު ކޮލިޓީ، އެންވަޔަރަންމަންޓަލް، ހެލްތް އެންޑް ސޭފްޓީ (ކިއުއީއެޗްއެސް) ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަނަކީ އެ ދެ ފަރާތުގެ ދެމެދުގައި އޮތް އިނޮވޭޝަން، ދެމެހެއްޓެނިވި ތަރައްޤީ އަދި ހިންގުމުގެ ފެންވަރު މަތިކުރުމަށް އޮތް ގުޅުމުގެ މުހިންމު މަރުހަލާއެއްކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

Ad
rt

މި ސެޝަންގައި، ވޯޓްސިލާއިން ވަނީ ސްޓެލްކޯއިން ދިވެހި ރައްޔިތުންނަށް 75 އަހަރު ވަންދެން ދެމުން އަންނަ ޚިދުމަތް ފާހަގަކޮށް ހަނދާނީ ލިޔުމެއް ހަވާލުކޮށްފައެވެ. އަދި ސްޓެލްކޯއިން ވެސް ވަނީ ވޯޓްސިލާއާއެކު 34 އަހަރު ވަންދެން ކުރިއަށްގެންދިޔަ ކާމިޔާބު އެއްބާރުލުން ފާހަގަކޮށް ހަނދާނީ ލިޔުމެއް އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

މިވަގުތު ސްޓެލްކޯގެ ފެސިލިޓީތަކުގައި ވޯޓްސިލާގެ 14 އިންޖީނު ހިންގަމުންދާކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ. މި އިންޖީނުތަކުން ޖުމްލަ 86 މެގަވޮޓްގެ ކަރަންޓު އުފައްދައި، ގައުމުގެ ހަކަތައިގެ ވިއުގަ ވަރުގަދަކުރުމަށް މަގުފަހިކޮށްދެއެވެ.

ސްޓެލްކޯއިން ބުނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ދެ ކުންފުނީގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އިތުރު ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ވާޓްސިލާގެ ޖަނަރޭޓަރު ސެޓްތައް އެންމެ ފުރުތަމަ ރާއްޖެއަށް ގެނެސްފައިވަނީ 1990 ވަނަ އަހަރުގައި މާލޭގައި ހުރި އިންޖީނުގެއަށެވެ.

އާއްމު ގޮތެއްގައު ޑީސަލް ޖަނަރޭޓަރު ތަކުގެ އުމުރަކީ، 25 އަހަރު ނަމަވެސް، މި ޖަނަރޭޓަރު ސެޓްތައް މިއަދާހަމައަށްވެސް ބޭނުންކުރެވެމުން ދާކަން ފާހަގަކޮށް ވާޓްސިލާއިން ވަނީ މި ޖަނަރޭޓަރުތަކުގެ މެއިންޓަނެންސް ބެލެހެއްޓުމުގައި، ސްޓެލްކޯގެ ގާބިލް އަދި ތަޖުރިބާކާރު އިންޖިނިއަރުންގެ މަސައްކަތް ފާހަގަކޮށް، އެމަސައްކަތަށް ތައުރީފްކޮށްފަ އެވެ.

ވާޓްސިލާއިން ރާއްޖެއަށް އެންމެ ފުރަތަމަ ފޮނުވީ ދެ ޖަނަރޭޓަރު ސެޓެވެ. 1990 ގައި ފޮނުވި މި ދެ ޖަނަރޭޓަރު ސެޓުގެ އިތުރުން، މާލޭ އިންޖީނުގެއަށް އިތުރު ހަ ޖަނަރޭޓަރުސެޓެއް ގެނެސްފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އަދި ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރަމުންދަނީވެސް ވާޓްސިލާގެ ހަ ޖަނަރޭޓަރު ސެޓެވެ. އެއާއެކު ވާޓްސިލާގެ އިންޖީނުތަކުގެ ކެޕޭސިޓީ ޖުމްލަ 100 މެގަވޮޓަށް އަރައެވެ.

ޖަނަރޭޓަރުސެޓް ފޯރުކޮށްދިނުމުގެ އިތުރުން ވާޓްސިލާ ލައިފްސައިކަލް ސާވިސަސްގެ ހިދުމަތުގެ ދަށުން ވާޓްސިލާއިން ގެންދަނީ ސްޓެލްކޯގެ އިންޖިނިއަރުންނަށް ތަމްރީނުވެސް ފޯރުކޮށްދެމުންނެވެ.

ސްޓެލްކޯއަކީ ރާއްޖޭގެ އިންޖީނިއަރިން ދާއިރާގައި އެންމެ ތަޖުރިބާކާރު އަދި ގާބިލް އިންޖީނިއަރުންގެ ޕޫލް އޮތް ކުންފުންޏަށް ވާއިރު، އިންޖީނިއަރިން ފީލްޑްގައި 600 އަށްވުރެ ގިނަ މުވައްޒަފުން ސްޓެލްކޯގައި މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންކަން އެކުންފުނިން ފާހަގަ ކުރެއެވެ.