މިރޭވެސް ހައިވޭގައި ނުރައްކާދެތި ދެ އެކްސިޑެންޓެއް ހިނގައި ގެން ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.

މި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާގައި އަނިޔާވި މީހަކު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މިއީ ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ.

Ad
rt

މަންޒަރުދުން ބައެއް ފަރާތްތަކުން މަޢުލޫމާތު ދިން ގޮތުގައި އެކްސިޑެންޓުވި ސައިކަލާއި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

މިފަހަކަށް އައިސް ބްރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓްތައް ވަނީ އިތުރުވެފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު މާލޭގައި އެކަނި ވެސް 561 އެކްސިޑެންޓް ވަނީ ހިނގާފައެވެ. މީގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ މަހުގައި ކަމަށްވާއިރު، އެ މަހު 216 އެކްސިޑެންޓް ވަނީ ރިޕޯޓްކޮށްފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ ފެބްރުއަރީ 1 ވަނަ ދުވަހު ސިނަމާލެ ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވުމެވެ. އެ އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެންނެވެ.

ހުޅުމާލޭގައި މި އަހަރުގެ ފުރަތަމަ ތިން މަހު 454 އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާޗް މަހުގެ ނިޔަލަށް 49 އެކްސިޑެންޓް ވަނީ ހިނގާފައެވެ. މިއީ ޖެނުއަރީ މަހު 19، ފެބްރުއަރީގައި 12 އަދި މާޗް މަހު 18 ހާދިސާއެވެ.

"މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން ޓްރެފިކް ގާނޫނަށް ބޯލަނބައި ސަމާލުވާން ޖެހޭ،"

ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އަދަދުތަކުން މަގުމަތީގައި އުޅޭއިރު މިހާރަށް ވުރެ ބޮޑަށް ސަމާލުވުމާއި ޒިންމާދާރުވާން ޖެހޭކަން އެނގިގެންދާ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.