ޣައްޒާގައި އިސްރާއީލުން ދިން ހަމަލާތަކުގައި އެއް ގަޑިއިރުގެ ތެރޭގައި މަދުވެގެން 38 މީހުން ޝަހީދުވެއްޖެ ކަމަށް ފަލަސްތީނުގެ މެޑިކަލް އޮފިޝަލުން ބުނެފިއެވެ. މި ހަމަލާތައް ދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ހަމާސްގެ ބެލުމުގެ ދަށުގައިވާ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުގައި ހުރި ސްކޫލަކާއި، މެދު ޣައްޒާގެ ނުސެއިރާތު ރެފިއުޖީ ކޭމްޕުގައި ހުރި ބޭނުން ނުކުރާ ތެޔޮ ސްޓޭޝަނެއްގައި ހިމާޔަތަށް އެދިފައިވާ އާއިލާތަކަށެވެ.

Ad
rt

އިސްރާއީލުން މި ހަމަލާތައް ދީފައިވަނީ ޣައްޒާގެ އާންމު ރައްޔިތުންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައިވަނިކޮށެވެ. އިސްރާއީލުން ބުނެފައިވަނީ "މިހާތަނަށް ދުވަހަކުވެސް ނުދޭ ފަދަ" ހަމަލާއެއް ދޭން ތައްޔާރުވަމުންދާ ކަމަށެވެ.

ޣައްޒާ ސިޓީގެ ލޯކަލް އެކްޓިވިސްޓުން ބުނާ ގޮތުގައި މޫސާ ބިން ނުސައިރު ސްކޫލުގައި ހުރި ކްލާސްރޫމްތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 10 މީހުން ޝަހީދުވެފައިވެއެވެ. މި ސްކޫލުގައި ސަތޭކަ އަށްވުރެ ގިނަ މީހުން ހިމާޔަތަށް އެދިފައިވެއެވެ.

މެދު ޣައްޒާގެ ނުސެއިރާތުގައި ހުރި ބޭނުން ނުކުރާ ތެޔޮ ސްޓޭޝަނެއްގައި ޖަހާފައި ހުރި ޓެންޓުތަކަށް ދިން ހަމަލާއެއްގައި 15 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓު ކުރެވެއެވެ.

މީގެ އިތުރުން، މެދު ޣައްޒާގެ ދެއިރު އަލް-ބަލާހުގައި ހުރި އަބޫ ސަމްރާ އާއިލާގެ ތިން ބުރި އިމާރާތަކަށް ދިން ހަމަލާއެއްގައި 13 މީހުން ޝަހީދުވެފައިވާ ކަމަށް ލޯކަލް ނޫސްވެރިން ބުނެފައިވެއެވެ.

މި ހަމަލާތަކުގެ އިތުރުން، އިސްރާއީލުގެ ޖެޓް މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުގައިވާ ޝުޖާއިއްޔާ ސަރަހައްދަށް 10 ހަމަލާ ދީފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން ބިންހެލުމެއް އައި ކަހަލަ އިހުސާސެއް ކުރެވުނު ކަމަށް ލޯކަލް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހަމާސްގެ ބިމުގެ އަޑީގައިވާ ޓަނަލްތަކުގެ ވިއުގައަށް ކަމަށް ބެލެވެއެވެ.

ހަމާސްގެ ސިވިލް ޑިފެންސް އޭޖެންސީން އިތުރަށް ބުނެފައިވަނީ ހަމަލާތަކުގެ ގަދަފަދަކަމާއި އާލާތްތައް މަދުވުމުގެ ސަބަބުން ޒަޚަމްވެފައިވާ މީހުންނާ ހަމައަށް ދިއުމަށް ރެސްކިއު ޓީމުތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.