ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް އާސިމް މުނީރު ފީލްޑް މާޝަލްގެ މަޤާމަށް ކުރިއެރުން ދިނުމަށް ނިންމައިފިއެވެ. މިއީ ގާތްގަނޑަކަށް 60 އަހަރު ފަހުން ޕާކިސްތާނުގެ ޖެނެރަލެއް މި މަޤާމަށް ކުރިއެރުން ދެވުނު ފުރަތަމަ ފަހަރެވެ.

ޕާކިސްތާނުގެ ފީލްޑް މާޝަލްގެ މަޤާމަކީ އަސްކަރީ އެންމެ މަތީ ރޭންކެވެ.

Ad
rt

އަންގާރަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ރިޔާސަތުގެ ދަށުން މި ނިންމުން ފާސްކޮށްފައިވާއިރު، މި ނިންމުން ނިންމާފައިވަނީ އިންޑިއާއާއެކު ފާއިތުވި 30 އަހަރުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހަނގުރާމައިގެ ދުވަސްތަކެއްގެ ފަހުންނެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ކުރިއެރުން ދީފައިވަނީ "ޤައުމީ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކޮށް، ދުޝްމަނުންނާ ދެކޮޅަށް ކާމިޔާބު ހޯދުމުގައި ދެއްކެވި ހިކްމަތްތެރި އަދި ހިތްވަރުގަދަ ލީޑަރޝިޕަށް" ކަމަށެވެ.

ސަލާމަތީ ދާއިރާގެ އިސް ވެރިއެއް ވިދާޅުވި ގޮތުގައި ފީލްޑް މާޝަލްގެ މަޤާމަކީ ފަސް ތަރީގެ ސެރެމޯނިއަލް މަޤާމެކެވެ. އަދި މި މަޤާމު އާންމު ގޮތެއްގައި ދެވެނީ އާދަޔާ ޚިލާފު ލީޑަރޝިޕެއް ދައްކައި، ހަނގުރާމައިގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާ ފަރާތްތަކަށެވެ.

މީގެ ކުރިން ޕާކިސްތާނުގެ ޖެނެރަލެއް މި މަޤާމަށް ކުރިއެރުން ދެވިފައިވަނީ 1965 ގައި ޕާކިސްތާނުގެ ޑިކްޓޭޓަރު ޖެނެރަލް އަޔޫބު ޚާން އަމިއްލައަށް މި މަޤާމަށް ކުރިއެރުން ދިން ފަހަރުގައެވެ.

މި އައު ސެރެމޯނިއަލް މަޤާމާއެކުވެސް ޖެނެރަލް މުނީރު ދެމިހުންނަވާނީ އާމީ ޗީފްގެ މަޤާމުގައެވެ.

މީގެ އިތުރުން، ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ޕާކިސްތާނު އެއަރ ފޯސްގެ އެންމެ އިސްވެރިޔާ އެއަރ މާޝަލް ޒަހީރު އަހްމަދު ބާބަރު ސިއްދުގެ ވަޒީފާގެ މުއްދަތު އިތުރުކުރުމަށެވެ. ނަމަވެސް މުއްދަތު އިތުރުކުރާނީ ކިހާ ދުވަހަކަށްކަން ބަޔާނުގައި ބުނެފައެއް ނުވެއެވެ. އަދި ޖެނެރަލް މުނީރު ފީލްޑް މާޝަލްގެ މަޤާމަށް ކުރިއެރުން ދިނުމާ ގުޅިގެން އެމަނިކުފާނުގެ ރިޓަޔަރމަންޓް ތާރީޚަށް އެއްވެސް ބަދަލެއް އަންނާނެތޯވެސް ސާފުކޮށްފައެއް ނުވެއެވެ.