ޕާކިސްތާނުގެ ހަމަނުޖެހުން އޮތް ސަރަހައްދެއްގައި ދިން ކާރު ބޮމްގެ ހަމަލާއެއްގައި 4 މީހުން މަރުވެ، 20 މީހުން ޒަޚަމްވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ ބަލޫޗިސްތާން ޕްރޮވިންސްގެ ޤިއްލާ އަބްދުﷲ ސިޓީގައި ހުރި މާރުކޭޓެއްގެ ކައިރީގައެވެ.

Ad
rt

އޮފިޝަލުން ވިދާޅުވި ގޮތުގައި މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ ރޭގައެވެ. މި ހަމަލާގައި ގިނަ ފިހާރަތަކަކަށް ގެއްލުން ލިބި، ޕެރަމިލިޓަރީ ބާރުތައް ތިބޭ އިމާރާތެއްގެ ބޭރު ފާރަށްވެސް ވެއްޓިފައިވެއެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

ބަލޫޗިސްތާން ސަރުކާރުގެ ތަރުޖަމާނެއް މި ހަމަލާ ކުށްވެރިކުރައްވައި، މިކަމާ ގުޅޭ ތަހުގީގެއް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ސަރަހައްދުގެ ސެކިއުރިޓީ އޮފިޝަލް ގުލާބް ޚާން އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މި ހަމަލާގައި ބޭނުންކޮށްފައިވަނީ ޕާކުކޮށްފައި ހުރި ކާރެއްގައި ބަހައްޓާފައިވާ އައިއީޑީ (އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް) އެކެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާގެ އަމާޒަކީ ޕެރަމިލިޓަރީ ސައިޓް ކަމަށް ބެލެވޭ ނަމަވެސް، ހަމަލާ ރޭވިފައިވާ ގޮތަށް ނުހިނގައި، އަމާޒަށް ވާސިލުވުމުގެ ކުރިން ގޮއްވާލާފައިވާ ކަމަށް ބެލެވެއެވެ.

"މަރުވެފައިވާ ހުރިހާ މީހުންނަކީވެސް އާންމު ރައްޔިތުން،" ގުލާބް ޚާން ވިދާޅުވިއެވެ.

އަފްޣާނިސްތާނާ އިންވެގެންވާ ބަލޫޗިސްތާން ޕްރޮވިންސްއަކީ ޕާކިސްތާނުން ވަކިވަކިވުމަށް މަސައްކަތްކުރާ ގްރޫޕްތަކުގެ އަނިޔާވެރި ހަރަކާތްތައް ހިންގާ ސަރަހައްދެކެވެ. މި ސަރަހައްދުގައި މިފަދަ ހަމަލާތައް އާންމުކޮށް ހިނގަމުންދެއެވެ.