ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެކަމަށް އަނެއްކާވެސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިންއާއެކު ބޭއްވި ދެ ގަޑިއިރުގެ ފޯނު ކޯލަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ރަޝިޔާ އަދި ޔުކްރެއިން ވަގުތުން ހަނގުރާމަ ހުއްޓުވުމަށް މަޝްވަރާތައް ފަށާނެ ކަމަށާއި މި މަޝްވަރާތަކުގެ މަޤްޞަދަކީ ހަނގުރާމަ ނިމުމަކަށް ގެނައުން ކަމަށެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރުތުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މަޝްވަރާތަކުގެ ޝަރުތުތައް ދެ ފަރާތުން ކަނޑައަޅާނީ އެ ދެ ފަރާތުން އެކަނި ކަމަށާއި، އެއީ އެހެން ފަރާތްތަކަށް ނޭނގޭ ތަފްޞީލުތަކެއް ހިމެނޭތީ ކަމަށެވެ. އަދި ޕުޓިންއާއެކު ކުރެވުނު މަޝްވަރާތައް ވަރަށް ރަނގަޅު ރޫހެއްގައި ކުރިއަށް ގޮސްފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ހަނގުރާމަ ނިމުމުން ރަޝިޔާއިން އެމެރިކާއާއެކު ބޮޑެތި ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރަން ބޭނުންވާ ކަމަށާއި، މިއީ ރަޝިޔާއަށް ވަޒީފާތަކާއި މުއްސަނދިކަން އިތުރުކުރުމުގެ ބޮޑު ފުރުޞަތެއް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ރަޝިޔާގެ ވިޔަފާރީގެ ފުރުޞަތުތަކަކީ "ނުހަނު ބޮޑެތި" ފުރުޞަތުތަކެކެވެ. އަދި ޔުކްރެއިންއަށް ވެސް ޤައުމު އަލުން ބިނާކުރުމުގައި ވިޔަފާރީގެ ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ޕުޓިންއާ ވާހަކަދެއްކުމަށްފަހު އޭނާ ވަނީ ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއި، ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑަރ ލެޔަންއާއި، ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯންއާއި، އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީއާއި، ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިޗް މެޒްއާއި، އަދި ފިންލޭންޑްގެ ރައީސް އެލެގްޒެންޑަރ ސްޓަބްއަށް މި ކަން އަންގާފައެވެ. އަދި ވެޓިކަންއިން މި މަޝްވަރާތައް ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މި ޕޯސްޓް ނިންމާލާފައިވަނީ "މަޝްވަރާތައް ފެށުމަށް ތައްޔާރުވާށެވެ!" ވިދާޅުވެ މިފަދައިންނެވެ. މި ހަނގުރާމައަށް ޓްރަމްޕް ވިދާޅުވެފައިވަނީ "ނުރައްކާތެރި ލޭއޮހޮރުވުމެއް" ކަމަށެވެ. މި މަޝްވަރާތަކުން ދެ ޤައުމަށް ވެސް އިޤްތިޞާދީ ގޮތުން ކުރިއެރުން ލިބިގެންދާނެ ކަމަށް ޓްރަމްޕް އުންމީދުކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!