ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އާއިލާތަކުން 1000 މީހުން ހައްޖަށް ގެންދިއުމަށް ސައޫދީ ރަސްގެފާނު އަންގަވައިފިއެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދު ވަނީ ފަލަސްތީނުގެ ޝަހީދުންގެ އާއިލާތަކާއި، ބަންދުގައި ތިބި މީހުންގެ އާއިލާތަކާއި، ޒަޚަމްވެފައިވާ މީހުންގެ އާއިލާތަކުން 1000 މީހުން މިއަހަރުގެ ހައްޖަށް ގެންދިއުމަށް އަންގަވާފައެވެ. މި ހުރިހާ ޚަރަދެއް ކުރައްވާނީ ރަސްގެފާނުގެ އަމިއްލަ ފުޅު މިލްކިއްޔާތުންނެވެ.
މިއީ ރަސްގެފާނުގެ މެހުމާނުންގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ. މި ޕްރޮގްރާމް ހިންގަނީ ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ދައުވަތާއި އިރުޝާދުގެ މިނިސްޓްރީންނެވެ.
މި މިނިސްޓްރީގެ ވަޒީރު ޝައިޚް އަބްދުއްލަތީފް އަލް-ޝައިޚް ވިދާޅުވީ މިއީ ރަސްގެފާނާއި ވަލީ އަހުދު އަމީރު މުޙައްމަދު ބިން ސަލްމާން ދެއްވި ދީލަތި އެހީފުޅެއް ކަމަށެވެ. އަދި މިއީ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށާއި އިސްލާމީ އުޚުއްވަތްތެރިކަން ވަރުގަދަ ކުރުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިނިސްޓްރީން ވަނީ މި ފަލަސްތީނު ޙާޖީންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވާން ފަށާފައި ކަމަށެވެ. މީގެ ތެރޭގައި އެމީހުން ފަލަސްތީނުން ފުރާ ހިސާބުން ފެށިގެން އެނބުރި އަންނަންދެން މައްކާއާއި މަދީނާގައި ތިބޭއިރު ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައިދިނުން ހިމެނެއެވެ.
މި އިސްނެގުމަކީ ފަލަސްތީނު ރައްޔިތުންނަށް ހައްޖުގެ އަޅުކަން ފަސޭހަކަމާއެކު އަދާކުރުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދެމިގެންދާ ބައެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!