ރައީސް ޑރ. މުހައްމަދު، ދިވެހިރާއްޖޭގައި ދުންފަތާއި ދެކޮޅަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑު އެމަނިކުފާނަށް އަރުވައިފި އެވެ.
ޑަބްލިޔުއެޗްއޯއިން ކޮންމެ އަހަރަކުވެސް، ދުންފަތުގެ އިސްތިޢުމާލު ކޮންޓްރޯލް ކުރުމަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައިވާ ފަރުދުންނާއި ޖަމްޢިއްޔާތަކަށް އެ ޖަމިއްޔާ ތަމްސީލްކުރުމުގައި ކަނޑައަޅާފައިވާ ދުނިޔޭގެ 6 ސަރަޙައްދުންކުރެ ކޮންމެ ސަރަޙައްދަކުން އެވޯޑު ދެއެވެ. މި އެވޯޑުތަކުގެ ތެރޭގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްޞަ ރިކޮގްނިޝަން އެވޯޑުތަކާއި، ދުނިޔޭގެ ދުންފަތުން މިނިވަން ދުވަހުގެ އެވޯޑުތަކާއި، އަދި 2025 ވަނަ އަހަރު ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްޞަ ރިކޮގްނިޝަން ސެޓްފިކެޓެއް ހިމެނެއެވެ.
ޑަބްލިޔުއެޗްއޯ އިން ބުނިގޮތުގައި މި އަހަރު އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްޞަ އެވޯޑު ވަނީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާފައެވެ.
މިކަމާއި ގުޅިގެން ޖަމިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ދުންފަތުގެ އިސްތިޢުމާލު ކޮންޓްރޯލް ކުރުމަށްޓަކައި، ފުރާނަތައް ސަލާމަތްކުރުމަށްޓަކައި އަދި އެންމެންނަށް ޞިއްޙަތު ރަނގަޅު މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ޑަބްލިޔު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްޞަ އެވޯޑު ލިބިވަޑައިގަތުމުން މަރުޙަބާ ކިޔާފައެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކަނޑައެޅި ޖެނެރޭޝަނަލް ބޭންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މީގެ ވަނީ މަރުޙަބާ ކިޔާފައެވެ.
ރައީސްގެ އިސްނެންގެވުމުގެ މަތީން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުން މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން ވަނީ 13 މެއި 2025 ގައި ފާސްކޮށްފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއީ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމުގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު، ސިއްހީ މާހިރުން ފާހަގަ ކުރައްވާފައިވާ ގޮތުގައި ގައިންގަޔަށް ނާރާ ބަލިތައް ގިނަވާން ދިމާވާ އެންމެ މައިގަނޑު އެއް ސަބަބަކީ ދުންފަތާއި އެއާއި ގުޅުންހުރި ބާވަތްތަކުގެ އެއްޗެއްސެވެ.
ވުމާއިއެކު މި ސަރުކާރުން ވަނީ ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މިދިޔަ އަހަރިގެ ޑިސެމްބަރ 15 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއި އެކު 15 ނޮވެމްބަރުން ފެށިގެން ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރެވެ. އެ އުމުރު ކުރިން އޮތީ 18 އަހަރުން މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!