އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ކެންސަރުގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ "ޕްރޮސްޓޭޓް ކެންސަރު" ޖެހިފައިވާކަން އޭނާގެ އޮފީހުން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ. މި ބަލި އޭނާގެ ކަށިތަކަށް ފެތުރިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މިއީ ފަރުވާކުރެވިދާނެ ބައްޔެއް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ އޮފީހުން މައުލޫމާތު ދީފައިވެއެވެ.

82 އަހަރުގެ ބައިޑަންގެ ޕްރޮސްޓޭޓްގައި ކުޑަ ގޮށެއް ހުއްޓައި ފެނުނު ކަމަށާއި، އިތުރަށް ބަލަންޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ، ފާއިތުވި ހަފްތާގައި އޭނާ ވަނީ އިތުރު ޓެސްޓުތަކެއް ހަދާފައެވެ. މި ޓެސްޓުތަކުގެ ނަތީޖާއިން ދައްކާގޮތުގައި ބައިޑަންއަށް ވަނީ ޕްރޮސްޓޭޓް ކެންސަރު ޖެހިފައެވެ. މި ބަލި ވަނީ ގްލީސަން ސްކޯރ 9 (ގްރޭޑް ގްރޫޕް 5) ގެ މިންވަރަށް ކުރިއަރާފައެވެ.

Ad
rt

ގްލީސަން ސްކޯރއަކީ ޕްރޮސްޓޭޓް ކެންސަރުގެ ނުރައްކާތެރިކަން ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑެކެވެ. މި މިންގަނޑުގައި 6 އިން 10 އަށް ސްކޯރ ކުރެވެއެވެ. ބައިޑަންގެ ސްކޯރ 9 ކަމަށްވުމުން، އޭނާގެ ބަލި ވަނީ "ހައި-ގްރޭޑް" ގިންތިއަށް އަރާފައެވެ. މިއީ ވަރަށް އަވަހަށް ފެތުރިދާނެ ބާވަތެއްގެ ކެންސަރެކެވެ.

ނަމަވެސް، ބައިޑަންގެ އޮފީހުން ބުނެފައިވާ ގޮތުގައި މި ބައްޔަށް ފަރުވާކުރެވޭނެ ކަމަށް ޑޮކްޓަރުން ލަފާދީފައިވެއެވެ. މިހާރު ބައިޑަންއާއި އޭނާގެ އާއިލާއިން ޑޮކްޓަރުންނާއެކު ފަރުވާގެ އޮޕްޝަންތައް ބަލަމުންދާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އެމެރިކާގެ ތާރީޚުގައި އެންމެ ދުވަސްވީ ރައީސްގެ ގޮތުގައި މަޤާމުން ވަކިވި ބައިޑަން މިހާރު ހުންނެވީ ޑެލަވެއަރގެ ވިލްމިންގްޓަންގައި ހުންނަ އޭނާގެ ގޭގައި ކަމަށް ސީއެންއެންގެ މަސްދަރަކުން މައުލޫމާތު ދީފައިވެއެވެ.