ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް އަރަބި ލީޑަރުންނަށް ޣައްޒާއިން ގޮވާލައިފިއެވެ.
ޣައްޒާ ސަރުކާރުން ހޮނިހިރު ދުވަހު ބަޣްދާދުގައި ބޭއްވޭ އަރަބި ލީގުގެ ސަމިޓުގައި ބައިވެރިވާ އަރަބި ލީޑަރުންނަށް ގޮވާލީ އިސްރާއީލުން ޣައްޒާގެ މައްޗަށް އަޅާފައިވާ ހިޞާރު ނިމުމަކަށް ގެނައުމަށާއި، ފަލަސްތީނުގެ މި ސަރަހައްދުގެ މައްޗަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އަމަލީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަރަބި ލީޑަރުން "އެމީހުންގެ އަޚްލާޤީ ޒިންމާ އުފުލައި، ޣައްޒާގެ މައްޗަށް އަޅާފައިވާ އަނިޔާވެރި ހިޞާރު ނައްތާލުމަށާއި، 19 މަސް ދުވަހަށްވުރެ ގިނަ ދުވަހު އިސްރާއީލުން ގަތުލުއާންމުތަކާއި ޖަމާޢީ އަނިޔާތައް ހުއްޓުވުމަށް ކެރިގެން އަމަލީ ފިޔަވަޅުތަކެއް އަޅަންވާނެ ކަމަށެވެ.
މި ގޮވާލުމުގައި އެއްވެސް ޝަރުތަކާ ނުލައި ހުރިހާ ބޯޑަރ ކްރޮސިންގްތަކެއް ހުޅުވުމަށާއި 2 މިލިއަނަށްވުރެ ގިނަ މީހުން ބަންދުވެފައިވާ ޣައްޒާއަށް ކާބޯތަކެއްޗާއި، ބޭސްފަރުވާގެ އެހީއާއި އިންސާނީ އެހީ ފޯރުކޮށްދިނުން ކަށަވަރުކުރުމަށް އެދިފައިވެއެވެ. މީޑިއާ އޮފީހުން މިކަން ސިފަކޮށްފައިވަނީ ރޭވިގެން ކުރިއަށްގެންދާ ބަނޑަށްޖެއްސުމުގެ ސިޔާސަތެއްގެ ގޮތުގައެވެ.
"މިއީ ލޮޖިސްޓިކަލް މައްސަލައެއް ނޫނެވެ. މިއީ ބަނޑަށްޖެއްސުމާއި މަހުރޫމުކުރުމުގެ ރޭވިފައިވާ ސްޓްރެޓެޖީއެކެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
"ޑައިލޮގް، އެކުވެރިކަން އަދި ތަރައްޤީ" ގެ ޝިޢާރުގެ ދަށުން ބޭއްވޭ 34 ވަނަ އަރަބި ލީގުގެ ސަމިޓު ހޮނިހިރު ދުވަހު ބަޣްދާދުގެ ގްރީން ޒޯންގައި ހުންނަ ރިޕަބްލިކަން ޕެލަސްގައި ފެށިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!