ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފިއެވެ.

މިގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ދީފައިވާ "ސީއޭއޭ2" ރޭޓިން ބަދަލުކުރުމަކާ ނުލައި ދަމަހައްޓާފައިވާކަމަށް މޫޑީސްއިން ބުނެފައިވެއެވެ.

Ad
rt

މޫޑީސްއިން އާންމުކޮށްފައިވާ ޕީރިއޮޑިކް ރިވިއުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އިގްތިސާދަށް މާބޮޑު ބަދަލެއް އައިސްފައިނުވާތީ، މިވަގުތު ރޭޓިން ބަދަލުކުރަން ޖެހޭކަމަށް ނުފެންނަ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި، ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ރިޒާވް ހުރީ ކުރިއަށް ހުރި ބޮޑެތި ދަރަނިތައް އަދާކުރެވޭނެ ހާލަތެއްގައި ނޫންކަމާއި، ބޭރުން ފައިނޭންސިންގ ހޯދުމަށް ހުރީ ހަނި ފުރުސަތުތަކެއްކަން ހިމެނެއެވެ. އަދި ބޭރުގެ ދަރަނި އިތުރުވެ، ދަރަނި ހޯދުމަށް އިތުރަށް ދަތިވެއްޖެނަމަ، ރާއްޖޭގެ ރޭޓިން ދަށްކުރަން ޖެހިދާނެކަމަށްވެސް މޫޑީސްއިން ވަނީ އިންޒާރުދީފައެވެ.

މީގެއިތުރުން، ބަޖެޓު ޑެފިސިޓްގެ އިތުރުން ކަރަންޓް އެކައުންޓް ޑެފިސިޓްގެ ސަބަބުން ބޭރުން ދަރަނި ނަގަންޖެހޭ މިންވަރު އިތުރުވަމުން އަންނަކަމަށް މޫޑީސްއިން ފާހަގަކޮށްފައިވެއެވެ. ޓޫރިޒަމް ދާއިރާ ކުރިއެރި ނަމަވެސް، ދަރަނި އިންތިހާއަށް އިތުރުވުމުގެ ސަބަބުން، ޚަރަދުތައް ހަމަޖެއްސުމަށް ދަތިތައް ކުރިމަތިވެފައިވާކަމަށްވެސް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ރިފޯމްތަކުން ރިޒާވް އަދި ދަރަނި މައްސަލަ ހައްލެއް ނުވާކަމަށާއި ރިޒާވް ކޮންމެވެސް ވަރަކަށް ރަނގަޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނާއި އިންޑިއާގެ ކަރެންސީ ސްވޮޕުންކަން ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ އިޤްތިޞާދު ނާޒުކު ހާލަތެއްގައި އޮތްއިރު ރާއްޖެއިން ދަރަނި އަދާކުރަން ބޮޑެތި އަދަދުތަކެއް އެބަހުއްޓެވެ. މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަންޖެހޭނީ 1 ބިލިއަން ޑޮލަރެވެ. އަންނަ އަހަރު 1.1 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ. އަންނަ އަހަރު ސުކޫކު ޕޭމަންޓަށް 500 މިލިއަން ޑޮލަރު އަދި ޕްރައިވެޓް ބޮންޑް ޕްލޭސްމެންޓެއްގެ ގޮތުގައި އިޝޫކޮށްފައިވާ 100 މިލިއަން ޑޮލަރު އެއްކޮށް ދައްކަން ޖެހޭނެ އެވެ.

ރާއްޖޭގެ ރޭޓިން އަޕްގްރޭޑު ކުރެވޭނީ، ފިސްކަލް ރިފޯމުތައް އެންމެ ފުރިހަމައަށް ގެނެސްގެން ކަމަށާއި އާ ރޭޓިންއެއް ކަނޑައަޅާ އިރު އަންނަ އަހަރުގެ ބޮޑު ދަރަނި 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ފައިނޭންސިން ހޯދިފައިވާ ވަރު ވެސް ބަލާނެ ކަމަށް މޫޑީސް އިން ބުނެފައިވެ އެވެ.