އިންޑިއާ އަދި ޕާކިސްތާނުގެ މެދުގައި އޮތް ހަނގުރާމައިގެ ހާލަތު އިތުރަށް ދަށްކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ. މިއީ ދެ ގައުމުގެ މެދުގައި ހިނގި ކުރު މުއްދަތުގެ ހަނގުރާމައެއްގެ ފަހުން އައި އެއްބަސްވުމެކެވެ.
މި އަހަރުގެ އޭޕްރީލް 22 ވަނަ ދުވަހު އިންޑިއާގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ގޯސްވެގެން ދިޔައެވެ. އޭގެ ފަހުން މެއި 7 ވަނަ ދުވަހު އިންޑިއާއިން ޕާކިސްތާނުގެ ހަނގުރާމަވެރިންގެ ކޭމްޕްތަކަށް ހަމަލާދިނެވެ. އަދި ޕާކިސްތާނުން އިންޑިއާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނެވެ.
ތިން ދުވަހުގެ ހަނގުރާމައަކަށްފަހު، މެއި 10 ވަނަ ދުވަހު ދެ ގައުމުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިއެވެ. އޭގެ ފަހުން މިހާރު ދެ ގައުމުގެ ޑައިރެކްޓަރ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް (ޑީޖީއެމްއޯ) އާ ދެމެދު ވާހަކަ ދެކެވި، "އިތުބާރު އިތުރުކުރުމުގެ ފިޔަވަޅުތައް" ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.
"މެއި 10 ވަނަ ދުވަހު ދެ ޑީޖީއެމްއޯ އާ ދެމެދު ވެވުނު އެއްބަސްވުމުގެ އިތުރުން، އިތުބާރު އިތުރުކުރުމުގެ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހަނގުރާމައިގެ ހާލަތު އިތުރަށް ދަށްކުރުމަށްޓަކައި،" އޮފިޝަލުން ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.
އޭއެފްޕީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ އިސްހާޤް ދާރު ޕާލިމެންޓުގައި ވިދާޅުވެފައި ވަނީ، އަސްކަރިއްޔާއިން މެއި 18 އާ ހަމައަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އިންޑިއާއިން ހަމަލާދިންތާ ދެވަނަދުވަހު، ޕާކިސްތާނުން ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން އިންޑިއާގެ ބޯޑަރު ކައިރީގައި ހުރި އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނެވެ. ނަމަވެސް އިންޑިއާއިން މި ހަމަލާ ނަކާމިޔާބުކޮށްލިއެވެ. މި ހާދިސާއާ ގުޅިގެން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެގެން ދިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!