މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއާއި ހުޅުމާލެއިން ތަންތަން ބަލާ ފާސްކޮށް 6 މީހަކު ހައްޔަރުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މެއި މަހުގެ 13 އަދި 14 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް 7 ތަނެއް ބަލާ ފާސްކޮށް އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
މި އޮޕަރޭޝަނުގައި، 2 ކިލޯއާއި ގާތްކުރާ އަދަދެއްގެ މަސްތުވާތަކެއްޗާއި، 90،000 އަށްވުރެއް ގިން ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރާއި، 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕްގެ އިތުރުން ކެނަބިސް އެކުލެވޭ އުފެއްދުންތައްވެސް އަތުލެވިފައިވާކަމަށް ފުލުހުން ބުނެއެވެ.
އޭގެ ތެރެއިން، މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ކަމަށްވާ ހެރޮއިން، މެތަމަފެޓަމިން އަދި ކެނަބިސްގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމެވެ. އަދި ނިކޮޓިން ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، "މޫންޝައިން" ކެނަބިސް ބުއިންތަކާއި ފްލޭވަރ ކުރެވިފައިވާ ތެޔޮވެސް އަތުލައިގަނެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުުން މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ / ބޯގަންވިލާ، ޙަސަން ޢަލީ (26އ) އާއި، ޅ. ކުރެންދޫ / މެދުރިގެ، މުޙައްމަދު އަލީޝް އަޙްމަދު (28އ) އާއި، ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުޙައްމަދު (26އ) އާއި، ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުޙައްމަދު ޒަކީ (28އ) އާއި، ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާޢީލް ވަޙީދު (18އ) އާއި، އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ) އެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޖައިލަމް މުޙައްމަދު ޒަކީ (28އ) 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އިބްރާހީމް މައިޝަމް މާހިރު (21އ) އާއި ޝަޔާން އިސްމާޢީލް ވަޙީދު (18އ) 10 ދުވަހަށް ބަންދުކުރުމަށް ވަނީ މުއްދަތު ޖަހާފައެވެ.
އަދި ޙަސަން ޢަލީ (26އ) އާއި މުޙައްމަދު އަލީޝް އަޙްމަދު (28އ) އާއި ވަލީދު މުޙައްމަދު (26އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވަނީ މައުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!