ދުނިޔޭގެ އެންމެ ގިނައިން ޒިޔާރަތްކުރާ ފަސްވަނަ ވެބްސައިޓަކަށް ޗެޓްޖީޕީޓީ ވެއްޖެއެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޯޕަން އޭއައި އިން ތައްޔާރުކޮށްފައިވާ ޗެޓްޖީޕީޓީ ވެފައިވަނީ މިއަހަރުގެ އޭޕްރިލް މަހު ދުނިޔޭގެ އެންމެ ގިނައިން ޒިޔާރަތްކުރި 5 ވަނަ ވެބްސައިޓަށެވެ. މިއީ ސިމިލަރވެބް.ކޮމްގެ ތަފާސްހިސާބުތަކަށް ބަލައި އެއްކުރެވިފައިވާ މަޢުލޫމާތެވެ.

Ad
rt

މިއަހަރުގެ ކުރީކޮޅު ޗައިނާގެ ހިލޭ އަދި އޯޕަން ސޯސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް ޑީޕްސީކް ނެރުމާ ގުޅިގެން ޗެޓްޖީޕީޓީއަށް ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް، ފާއިތުވި މަހު އަނެއްކާވެސް ޓޮޕް 5 ގެ ތެރެއަށް ވަދެފައިވެއެވެ.

އެންމެ ގިނައިން ޒިޔާރަތްކުރާ ވެބްސައިޓްތަކުގެ ލިސްޓުގައި ގޫގުލް ވަނީ 81.31 ބިލިއަން، މަހަކު ޒިޔާރަތްކުރާ ފަރާތްތަކާއެކު އެންމެ މަތީގައެވެ. ދެވަނައިގައި ވަނީ 28.68 ބިލިއަން، ޒިޔާރަތްކުރާ ފަރާތްތަކާއެކު ޔޫޓިއުބްއެވެ. ތިންވަނައިގައި ވަނީ 11.56 ބިލިއަން ޒިޔާރަތްކުރާ ފަރާތްތަކާއެކު ފޭސްބުކެވެ. ހަތަރުވަނައިގައި ވަނީ 6.17 މިލިއަން ޒިޔާރަތްކުރާ ފަރާތްތަކާއެކު އިންސްޓަގްރާމެވެ.

ގްލޯބަލް ކްރިއޭޓިވް އޭޖެންސީ "ވީ އާ ސޯޝަލް" ގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޗެޓްޖީޕީޓީ ވަނީ މިދިޔަ އަހަރު އެންމެ ގިނައިން ޒިޔާރަތްކުރާ ވެބްސައިޓްތަކުގެ ލިސްޓުގައި މައްޗަށް ގޮސްފައެވެ. މިދިޔަ އަހަރު 9 ވަނައިގައި އޮތް އޭއައި އެޕްލިކޭޝަން ވަނީ 4 ދަރަޖަ މައްޗަށް އަރާފައެވެ. އެހެންނަމަވެސް ގޫގުލް، ޔޫޓިއުބް އަދި ފޭސްބުކް ވަނީ އެތަންތަނުގެ ޓޮޕް 3 ގެ ސްޓޭޓަސް ދަމަހައްޓާފައެވެ.

އޭއައި ޓޫލްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެހެނިހެން އޭއައި ޓޫލްތަކުގެ ތެރެއިން ޗެޓްޖީޕީޓީ ވަނީ 4.7 ބިލިއަން މަހަކު ޒިޔާރަތްކުރާ ފަރާތްތަކާއެކު އެންމެ މަތީގައެވެ. މި ވެބްސައިޓުން ވަޒަންކުރަނީ ހުރިހާ އޭއައި ވެބްސައިޓްތަކެއް ކަމަށްވުމުން، ކެންވާ ފަދަ ގްރެފިކް ޑިޒައިން އެޕްލިކޭޝަންތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ހިލޭ އަދި ފައިސާ ދައްކައިގެން ބޭނުންކުރެވޭ ބްރައުޒަރ ބޭސްޑް ފޮޓޯޝޮޕް އޯލްޓަނޭޓިވްއެއް ކަމަށްވާ ކެންވާ ވަނީ 887 މިލިއަން މަހަކު ޒިޔާރަތްކުރާ ފަރާތްތަކާއެކު ދެވަނައިގައެވެ. މިއީ ޗެޓްޖީޕީޓީއާ އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.

ތިންވަނައިގައި ވަނީ ގޫގުލްގެ އޭއައި ޕަވަރޑް ތަރުޖަމާ ޚިދުމަތް ކަމަށްވާ ގޫގުލް ޓްރާންސްލޭޓެވެ. މި ޚިދުމަތަށް މަހަކު 595 މިލިއަން ފަހަރު ޒިޔާރަތްކުރިއެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ވަނީ ދުނިޔޭގެ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި އިންތިހާއަށް މަޤްބޫލުވެފައެވެ. ޚާއްޞަކޮށް ޗެޓްޖީޕީޓީ ފަދަ ޖެނެރޭޓިވް އޭއައި ޕްލެޓްފޯމްތަކަށް ލިބެމުންދާ ޝަޢުޤުވެރިކަން ވަނީ އެހެން އެޕްލިކޭޝަންތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައެވެ.