ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ ކުރީގެ 3 އޮފިސަރަކާއި އިތުރު މީހަކަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހުށައަޅުއްވައިފިއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ނޫސް ކޮންފަރެންސް އެއް ބާއްވާފަ އެވެ. މިމައްސަލަ ހުށަހެޅީ އިއްޔެއެވެ. އަދި މައްސަލަ ބަލައިގަނެ، 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ފުލުހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މާރޗް 12 ވަނަ ދުވަހު މާފަންނުގެ ގެއެއްގައި އުޅުނު ބިދޭސީންތަކަކަށް އަމާޒުކޮށް އިމިގްރޭޝަނުން އޮޕަރޭޝަނެއް ހިންގީ ޝަމްޢާނަށް އެނގިގެން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލީ ޝަމްޢާންގެ އިރުޝާދުގެ ދަށުން "އަރޖެންޓް" ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
މީގެ އިތުރުން، އިމިގްރޭޝަންގެ އެހެން އޮފިސަރަކު ބިދޭސީ މީހާގެ އަތުން ނެގި ފައިސާ ޝަމްޢާންގެ ގެއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކޯޓު އަމުރެއްގެ ދަށުން ޝަމްޢާންގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާ އާއި 10،000 އެމެރިކާ ޑޮލަރު އަދި އެހެން ބައެއް ޤައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގައި ފުރަތަމަ ފުލުހުން ހައްޔަރުކުރީ ތިން މީހެކެވެ. އެ މީހުންނަކީ:-
- މުހައްމަދު އަލްސަން އިސްމާއިލް (21 އަހަރު) - ތ. ބުރުނީ، މޫނިމާގެ
- އިބްރާހިމް އަހްމަދު (37 އަހަރު) - ގ. ހެޕީސައިޑް
- އަހުމަދު ސަހެޝަން (47 އަހަރު) - ގ. ހެޕީސައިޑް
ޝަމްއާން އާއި މައްސަލައިގައި ހިމެނޭ އިތުރު މީހެއް ކަމަށްވާ މ. ހަޒާރީވިިލާ، އަހްމަދު ލައްސާން (40 އަހަރު) ހައްޔަރުކުރީ ތިން އޮފިސަރުންގެ ފަހުންނެވެ.
މި މައްސަލަ ފެންމަތިވި ހިސާބުން ޝަމްޢާން ވަނީ މަޤާމުން ވަކިކޮށްފައެވެ. މި މައްސަލައިގައި ދަޢުވާ ކުރެވޭ ފަރާތްތަކުގެ ތެރޭގައި ޝަމްޢާންގެ އިތުރުން އިމިގްރޭޝަންގެ ކުރީގެ 3 އޮފިސަރަކާއި އިތުރު މީހެއް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!