މޯލްޑިވްސް އިމިގްރޭޝަނުން އިމިގްރޭޝަން އޮފިސަރ ޓްރެއިނީންގެ 50 މަޤާމަށް މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ، މި ފުރުޞަތަކީ ޤައުމަށް ޚިދުމަތްކުރުމަށާއި ޤައުމުގެ ބޯޑަރު ކޮންޓުރޯލް ކުރުމާއި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓީމެއްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށެވެ.
މި މަޤާމުތަކަށް ކުރިމަތިލެވޭނެ އެންމެ ދަށް ޝަރުޠުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދާއިން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގައި ދިވެހިން މަދުވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.
މި ވަޒީފާ އަށް ނަގާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ދުވަހަށް އުމުރުން 40 އަހަރު ނުވާ ފަރާތްތަކެވެ.
މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު، އިންޓަވިއު ބޭއްވޭނެ ތާރީޚް، ތަނާއި ގަޑި ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރެވޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިހާރުއްސުރެ ތައްޔާރުވުމަށާއި، އިމިގްރޭޝަންގެ ރަސްމީ ޗެނަލްތަކުން އަޕްޑޭޓްތައް ބަލަމުން ގެންދިއުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!