ނައިޖީރިއާގެ ދެކުނު އިރުމަތީގައި އޮންނަ އިމޯ ސްޓޭޓުގައި ހަތިޔާރުއެޅި މީހަކު ދަތުރުވެރިންނަށް ހަމަލާދީ މަދުވެގެން 30 މީހުން މަރާލައިފިކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނެފިއެވެ.
މި އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާއިން ހުކުރު ދުވަހު ބުނި ގޮތުގައި، އޯކިގްވޭ-އޯވެރީ މަގުމަތީގައި ބުރާސްފަތި ދުވަހު ހިންގި "އަނިޔާވެރި ހަމަލާ" ގައި 20 އަށްވުރެ ގިނަ ދަތުރުވެރިންގެ އުޅަނދުފަހަރާއި ޓްރަކުތައް އަންދާލާފައިވެއެވެ.
މި ހަމަލާ ދިން ފަރާތަކީ މަނާކުރެވިފައިވާ ޖަމާޢަތެއް ކަމަށްވާ އިންޑިޖެނަސް ޕީޕަލް އޮފް ބިއާފްރާ (އައިޕީއޯބީ) ގެ މެންބަރެއް ކަމަށް ޝައްކުކުރެވޭ ކަމަށް އެމްނެސްޓީން ބުނެފައިވެއެވެ.
"މި ހަމަލާއިން ދައްކުވައިދެނީ އިންސާނީ ފުރާނައިގެ މަތިވެރިކަމަށް އެއްވެސް އިޙްތިރާމެއް ނެތްކަމެވެ. ހަތިޔާރު އެޅި މީހުން އޯކިގްވޭ-އޯވެރީ މަގާއި އޮނުއިމޯ އެލްޖީއޭގެ އުމުނާ ސަރަޙައްދު ބަންދުކޮށް، އެއްވެސް ބިރުވެރިކަމެއްނެތި އަނިޔާވެރި ޢަމަލުތައް ހިންގާފައިވެއެވެ،" އެމްނެސްޓީން އެކްސް (ކުރީގެ ޓްވިޓަރ) ގައި ލިޔެފައިވެއެވެ.
މި ހަމަލާއާ ގުޅޭ ތަޙްޤީޤެއް ހާމަކަން ބޮޑު ގޮތެއްގައި ފަށައި، މި ޢަމަލު ހިންގި ފަރާތްތައް ޢަދުލުގެ ކުރިމައްޗަށް ގެންނާނެކަމަށް ނައިޖީރިއާގެ އިސްވެރިނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ނައިޖީރިއާގެ ސަރުކާރުން ޤާނޫނާ ޚިލާފަށް މީހުން މެރުމުގެ މައްސަލަތައް އަވަހަށް ތަޙްޤީޤުކޮށް، އެކަން ކުރި ފަރާތްތަކަށް އަދަބު ދޭންޖެހެއެވެ،" އެމްނެސްޓީން އިތުރަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!