ނޫސްވެރިންނަށް އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމުގެ ޢަމަލުތައް ހިންގަމުންދާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބަޔާނެއް ނެރެފި އެވެ.
އެމްއެމްސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މަންސަތަކުގައި އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމާ ގުޅޭ ކަންބޮޑުވުންތައް އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ޚާއްޞަކޮށް ވަކި ޖިންސަކަށް އަމާޒުކޮށް ދޭ އެފަދަ ފިނޑި ހަމަލާތައް އެ ކައުންސިލުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ.
"ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޑިމޮކްރަސީގެ ހަތަރުވަނަ ބާރަށް ގަނާކުރުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ދަށަށް ހިނގައިދާނެ ފަދަ ޢަމަލެކެވެ,"
އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކާއި އެކި ބާވަތުގެ އަނިޔާ ތަޙައްމަލުކުރަމުންދާ ފަރާތްތައް ރީ-ވިކްޓިމައިޒްވާ ގޮތަށް ޚަބަރާއި، ފޮޓޯ، ވީޑިއޯ އަދި މަޢުލޫމާތު ޢާންމުކުރުމާއި، އެއްވުންތަކުގެ ކަވަރޭޖް ގެނައުމުގައި ޢާންމު އަޚުލާޤީ މިންގަނޑުތަކާ ޚިލާފަށް ކޮންޓެންޓް ގެނައުމާއި ދޮގު މަޢުލޫމާތު ފެތުރުމުގެ މައްސަލަތައް ވެސް އެމްއެމްސީން ވަނީ ފާހަގަކޮށްފައެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ވެސް ވަނީ މިފަދަ ކަންކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވަނީ ވަކިވަކި ނޫސްވެރިންނާ ގުޅިގެން މުޚާޠަބު ކުރެވޭއިރު ޒާތީ ތަޢައްޞުބުން އެއްކިބާވެ އިޙްތިރާމާއެކު ކޮންޓެންޓު ގެނެސްދިނުމަށެވެ.
މި ބަޔާންތައް ނެރެފައިވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ލީޑަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ހާޒިރުގައި ބޭއްވުނު ޕީއެންއެފްގެ ޖަލްސާއެއްގައި ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވާތީއެވެ. މި ޖަލްސާގައި ދެއްކި ވާހަކަތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އާންމުންނާއި ނޫސްވެރިން ދަނީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ ޙައްޤުތަކާ ގުޅިފައިވާ މި ޙައްސާސް މައްސަލަތަކާ ގުޅޭގޮތުން އެމްއެމްސީން ވަނީ އެއްވެސް ފަރާތަކުން އެފަދަ ޢަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!