ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި އެލް ކްލެސިކޯ މެޗްގައި ކިލިއަން އެމްބާޕޭ ހެޓްރިކް ހެދި ނަމަވެސް މެޗުން ބާސާ މޮޅުވެ ލީގު ޗެމްޕިއަންކަން ހޯދުމާއި ވަރަށް ގާތަށް ޖެހިލައިފިއެވެ.

ރޭ ބާސާގެ ދަނޑުގައި އެ ޓީމުން ރެއާލްގެ މައްޗަށް ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި މި ދެ ޓީމް ހަތަރުފަހަރު ވާދަކޮށްފައިވާއިރު އެ ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފައި ވަނީ ބާސާއިންނެވެ.

Ad
rt

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލުގެ މައްޗަށް ހަތް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމް އެއްވަނާގައި އޮތީ 35 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެއާލަށް 35 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު ބާސާއަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ދެން ބޭނުންވަނީ އެންމެ މޮޅެކެވެ.

ރޭ މެޗުގައި ފުރަތަމަ ފަނަރަ މިނެޓްގެ ތެރޭ ރެއާލުން ވަނީ ދެ ލަނޑުޖަހާފައެވެ. މި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ އެމްބާޕޭއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ހަތަރު ލަނޑު ޖަހައި ނަތީޖާ އަނބުރާލާފައެވެ. ބާސާއަށް ލަނޑުތައް ޖަހައިދިނީ އެރިކް ގާސިއާ، ލެމީން ޔަމާލްގެ އިތުރުން ރަފީނިއާއެވެ. ރަފީނިއާ ވަނީ ދެ ލަނޑު ޖަހާފައެވެ.

މެޗުގައި 70 ވަނަ މިނެޓުގައި ރެއާލަށް ތިންވަނަ ލަނޑުޖަހައި އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އެމްބާޕޭ މި ވަނީ ރެއާލުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ގޯލު ޖެހުމުގެ ރެކޯޑެއް ހަދާފައެވެ. ރޭ ލަނޑުތަކާއިއެކު އެމްބާޕޭ، މި ސީޒަނުގައި 38 ލަނޑު ހަމަކުރީއެވެ. އެއާ އެކު، އެމްބާޕޭ އަކީ ރެއާލްގެ ތާރީހުގައި ވެސް އެ ޓީމަށް ކުޅުނު ފުރަތަމަ ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

މީގެ ކުރިން، ފުރަތަމަ ސީޒަނުގައި ރެއާލަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ، 1992/1993 ވަނަ އަހަރު ރެއާލަށް ކުޅުނު އިވާން ލުއިސް ޒަމޮރާނޯ އަތުގައެވެ. އޭނާ ވަނީ އެ ފަހަރު 45 މެޗުން 37 ލަނޑު ޖަހައިފައެވެ.

ލީގު ޗެމްޕިއަންކަން ބާސާއަށް ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު، އެ ޓީމުން ވަނީ މި ސީޒަންގައި ސްޕެނިޝް ސްޕަކަޕާއި ކޮޕަ ޑެލް ރޭ ކާމިޔާބު ކޮށްފައެވެ.