ސްޕެނިޝް ލަލީގާގައި އެންމެ އަވަސް ހެޓްރިކް ހެދުމުގެ ރެކޯޑް އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އެލެކްސެންޑަރ ސޯލޯތު މުގުރާލައިފިއެވެ.
ރޭ ލީގުގައި އެތުލެޓިކޯ މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއިން އެތުލެޓިކޯ ކާމިޔާބުކުރި އިރު، މެޗުގައި ހަތަރު ލަނޑު ވެސް ޖެހީ ސޯލޯތެވެ.
މެޗުގެ 11 ވަނަ މިނެޓުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު، އޭނާ ހެޓްރިކް ހަދަން ހޭދަވީ އެންމެ ފަސްވަރަކަށް މިނެޓެވެ. އޭނާ ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި ޖެހިއިރު، ދެވަނަ ލަނޑު ޖެހީ 10 ވަނަ މިނެޓުގައެވެ. އަދި ތިންވަނަ ލަނޑު ޖަހާފައި ވަނީ 11 ވަނަ މިނެޓުގައެވެ.
މީގެކުރިން ލަލީގާގައި އެންމެ އަވަސް ހެޓްރިކް ހެދުމުގެ ރެކޯޑް އޮތީ 1941 ވަނަ އަހަރު ވެލެންސިއާއަށް ކުޅުނު އެޑުމުންޑޯ ސުއަރޭޒްއާއި 1929 ގައި ބާސެލޯނާއަށް ކުޅުނު ކާލޭސް ބެސްޓިޓްގެ އަތުގައެވެ. ސޯލޯތު ހެދި ހެޓްރިކް މި ކުޅުންތެރިން ހެދި ހެޓްރިކަށްވުރެ ހަތަރު މިނެޓް އަވަހެވެ. ވުމާއިއެކު ސޯލޯތު މުގުރާލާފައި މިވަނީ 84 އަހަރުވީ ރެކޯޑެކެވެ.
ފާއިތުވި ސީޒަންގައި ވިޔަރެއާލަށް ކުޅުނު ސޯލޯތު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ މި ސީޒަންގައެވެ. އެތުލެޓިކޯގައި އޭނާ އާންމުކޮށް ކުޅެނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް ލިބޭ ފުރުސަތުތަކުގައި އަރާ އޭނާ އަންނަނީ މުހިންމު ގޯލުތަކެއް އެ ޓީމަށް ޖަހައިދެމުންނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އެތުލެޓިކޯ މިވަގުތު ޕޮއިންޓް ތާވަލުގެ ތިންވަނާގައި އޮތީ 35 މެޗުން 70 ޕޮއިންޓް ހޯދައިގެނެވެ. ދެވަނާގައި އޮތް ރެއާލަށް 34 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު އެއްވަނާގައި އޮތް ބާސާއަށް 34 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!