ޕާކިސްތާނުގެ ސިޔާދަތާއި، ސަރަޙައްދީ ސަލާމަތާއި، ޤައުމީ މިނިވަންކަން ދެމެހެއްޓުމަށް ޗައިނާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގ ޔީ މި ވާހަކަ ދައްކާފައިވަނީ ޕާކިސްތާނުގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އިސްހާޤް ދާރާ އެކު ކުރެއްވި ފޯނު މަޝްވަރާއެއްގައެވެ.

Ad
rt

މި މަޝްވަރާގައި ދާރު ވަނީ ސަރަޙައްދުގެ ޙާލަތާ ބެހޭ ގޮތުން ވޭންގ އަށް މަޢުލޫމާތު ދެއްވާފައެވެ. އަދި ޕާކިސްތާނުން ދަތި ޙާލަތުގައިވެސް ޒިންމާދާރު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމާއި، ކެތްތެރިކަމާއެކު ޢަމަލުކުރަމުންދާ ގޮތް ވޭންގ ވަނީ ތަޢުރީފުކުރައްވާފައެވެ.

"ޕާކިސްތާނަކީ ޗައިނާގެ ދާއިމީ އިސްތިރާޖީ ބައިވެރިއެކެވެ. އެހެންކަމުން ޕާކިސްތާނުގެ ސިޔާދަތާއި، ސަރަޙައްދީ ސަލާމަތާއި، ޤައުމީ މިނިވަންކަން ދެމެހެއްޓުމަށް ޗައިނާއިން ދެމިހުންނާނެ" ކަމަށް ޕާކިސްތާނުގެ ޚާރިޖީ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ދާރު ވަނީ ޔޫއޭއީގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް ޢަބްދުﷲ ބިން ޒާޔިދާ އެކުވެސް މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާގައި ޝެއިޚް ޢަބްދުﷲ ވަނީ ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މަރުޙަބާ ކިޔުއްވާފައެވެ.

އަދި ދާރު ވަނީ ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން އާ އެކުވެސް މަޝްވަރާކުރައްވާ، ސަރަޙައްދުގެ ޙާލަތާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައެވެ.

މީގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ މެދުވެރިކަމާއެކު ޕާކިސްތާނާއި އިންޑިއާ އާ ދެމެދު "ފުރިހަމަ އަދި ވަގުތުން" ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވެފައިވާ ކަމަށް އިޢުލާންކުރައްވާފައެވެ.