އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި އަލުން ހަނގުރާމަ ފެށިދާނެކަމުގެ ބިރު އޮތް ކަމަށް ބެލެވޭ ކަމަށް މީޑިއާގައި ވާހަކަ ދެއްކެވެން ފަށައިފިއެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވީނަމަވެސް ކޮންޓްރޯލް ލައިނުގައި އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދެ ގައުމުގެ މެދުގައި ހަނގުރާމައިގެ ބިރު އޮތް ކަމަށް ބެލެވެއެވެ. ހޮނިހިރު ދުވަހު ވެވުނު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު، ދެ ގައުމުން އެއްބަޔަކު އަނެއްބަޔަކަށް "އެއްބަސްވުމާ ޚިލާފުވުމުގެ" ތުހުމަތު ކުރަމުން ދެއެވެ.
އިންޑިޔާއިން ބުނެފައިވަނީ ބޯޑަރު ހުރަސްކޮށް އަދިވެސް ޕާކިސްތާނުގެ ސިފައިންގެ ހަމަލާތައް އަންނަމުން ދާ ކަމަށެވެ. އަދި ޕާކިސްތާނުން ބުނެފައިވަނީ "ޒިންމާދާރުކަމާއި ހިތްވަރާއެކު އިންޑިއާގެ ހަމަލާތަކާ ކުރމަތިލަމުންދާ’’ ކަމަށެވެ.
އިންޑިޔާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ތިބި ބީބީސީގެ ނޫސްވެރިންނަށް ގޮވުމުގެ އަޑުތައް އިވިފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި އަޑުތައް އަންނަނީ ކޮން ދިމާލަކުންކަން އަދި ސާފުވެފައެއް ނުވެއެވެ.
އެމެރިކާގެ މެދުވެރިކަމާއެކު ވެވުނު މި އެއްބަސްވުން ތަންފީޒުކުރަން ފެށިފައިވަނީ ހޮނިހިރު ދުވަހު ރާއްޖޭގެ ގަޑިން 20:30 ގައެވެ.
މިދިޔަ މަހު ޕަހަލްގާމްގައި ދިން ހަމަލާއަކާ ގުޅިގެން، މިދިޔަ ހަފްތާގައި އިންޑިޔާއިން ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރަށް ހަމަލާތަކެއް ދީފައިވެއެވެ. ނަމަވެސް މި ހަމަލާތަކާ ގުޅުން އޮތް ކަމަށް ޕާކިސްތާނުން ދެކޮޅު ހަދައެވެ.
އިންޑިޔާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި އެތައް އަހަރެއް ވަންދެން ހިނގަމުން އައި ހަނގުރާމައިގައި ހާހުން މީހުން މަރުވެފައިވެއެވެ. އިންޑިޔާ އާއި ޕާކިސްތާނުން ދަޢުވާ ކުރަނީ މުޅި ކަޝްމީރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!