އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި، ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލްގެ ރަހީނުން ވަގުތުން ދޫކޮށްލުމަށް އެދި އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގައި އެތައްހާސް މީހުން މުޒާހަރާކޮށްފިއެވެ.
އިސްރާއީލްގެ ނޫހެއް ކަމަށްވާ ހާރެޓްޒްއިން ރިޕޯޓުކުރި ގޮތުގައި، ތެލް އަވީވުގެ "ހޮސްޓޭޖަސް ސްކުއެއަރ" ގައި ރަހީނުންނާއި ގެއްލިފައިވާ މީހުންގެ އާއިލާތަކުގެ ފޯރަމްއިން ހަފްތާގެ މުޒާހަރާ ބާއްވާފައިވެއެވެ. އަދި އިސްރާއީލީ އަސްކަރިއްޔާގެ މައި މަރުކަޒު ކުރިމަތީގައިވެސް ރަހީނުންގެ އާއިލާތަކުން މުޒާހަރާއެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން، ތެލް އަވީވުގެ ހަބީމާ ސްކުއެއަރގައި ސަރުކާރާ ދެކޮޅު މުޒާހަރާއެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި މުޒާހަރާގައި ވާހަކަދެއްކި، މީހުން ބުނެފައިވަނީ އިސްރާއީލުގެ އަސްލު ދުޝްމިނަކީ ހަމާސް ނޫންކަމަށާއި، ޔަހޫދީ އަދި ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި އިސްރާއީލު ނައްތާލަމުންދާ ބެންޖަމިން ނަތަންޔާހޫ ކަމަށެވެ.
އިސްރާއީލުގެ ވަގުތީ ބަންދުގައި ތިބި ރަހީނުންގެ ފުރާނަ ޤުރުބާންކުރަމުންދާ ކަމަށް ބުނެ، ޣައްޒާގައި ހަނގުރާމަ ފުޅާކުރުމަށް ނަތަންޔާހޫ ނިންމި ނިންމުމާމެދު ރަހީނުންނާއި ގެއްލިފައިވާ މީހުންގެ އާއިލާތަކުގެ ފޯރަމްއިން ފާޑުކިޔާފައިވެއެވެ.
ހާރެޓްޒްއިން ރިޕޯޓުކުރި ގޮތުގައި، ޖެރޫސަލަމް، ހައިފާ އަދި ބިއަރ ޝީބާގެ އިތުރުން އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި މިފަދަ މުޒާހަރާތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!