އިންޑިއާ އާއި ޕާކިސްތާން މިހާރު ފަށާފައިވާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ދެ ޤައުމު އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެންމެ ޢިއުލާންކުރަށްވައިފިއެވެ.
އެމެރިކާގެ ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާ، މި ދެ ޤައުމުން "ފުރިހަމަ އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް" އެއްބަސްވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވެފައިވާގޮތުގައި އެމެރިކާ މެދުވެރިވެގެން ކުރެވުނު ދިގު މަޝްވަރާތަކަކަށްފަހު، އިންޑިއާ އާއި ޕާކިސްތާނުން ފުރިހަމަ އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވަނީ އެއްބަސްވެފައެވެ.
"އެމެރިކާ މެދުވެރިވެގެން ކުރެވުނު ދިގު މަޝްވަރާތަކަކަށްފަހު، އިންޑިއާ އާއި ޕާކިސްތާނުން ފުރިހަމަ އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާކަން އުފަލާއެކު އިޢުލާނުކުރަން،. ރަނގަޅު ވިސްނުމާއި މޮޅު ބުއްދި ބޭނުންކޮށްގެން މިކަން ކުރެއްވި ދެ ޤައުމަށް މަރުޙަބާ ދަންނަވަން،'' ޓްރަމްޕް ވިދާޅުވެފައެވެ.
ޕާކިސްތާނާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ވަނީ، އެތައް ދުވަހެއްގެ ސިފައިންގެ ހަރަކާތްތަކަށްފަހު އިންޑިއާއާއެކު ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ.
— Donald J. Trump (@realDonaldTrump) May 10, 2025
އިންޑިއާއިން ޕާކިސްތާނުގެ ތިން އެއަރ ބޭސްއަކަށް "އެއަރ-ޓު-ސަރފޭސް މިސައިލް" އަކުން ހަމަލާދިނުމަށްފަހު، ޕާކިސްތާނުން "އޮޕަރޭޝަން ބުންޔާން މަރްސޫސް" ފެށުމާއެކު، ޕާކިސްތާނާއި އިންޑިއާއިން އެއް ޤައުމުން އަނެއް ޤައުމުގެ ސިފައިންގެ ތަންތަނަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ.
ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ އޮތޯރިޓީތަކުން ބުނެފައިވާ ގޮތުގައި، އިންޑިއާގެ ހަމަލާތަކުގެ ސަބަބުން އިއްޔެ ރޭއިން ފެށިގެން މަދުވެގެން 13 މީހުން މަރުވެ، 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
އިންޑިއާއިން ބުދަ ދުވަހު ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ހުރި "ޓެރަރިސްޓް ކޭމްޕްތަކަށް" އަމާޒުކޮށް މިސައިލް ދޫކުރި ފަހުން މިހާތަނަށް 60 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!