ކައުންޓަރ ޓެރަރިޒަމްގެ ތަހުގީގަށް އީރާނުގެ ހަތަރުވަނަ މީހަކު އިނގިރޭސިވިލާތުގެ ލަންޑަނުން ހައްޔަރުކޮށްފިއެވެ.
ޓެރަރިޒަމާ ގުޅުންހުރި ތަޙުޤީޤެއްގެ ދަށުން އިރާނުގެ އިތުރު ފިރިހެނަކު ހައްޔަރުކޮށްފިކަމަށް ލަންޑަނުގެ ފުލުހުން ކަށަވަރު ކޮށްދީފައިވާއިރު، މި ހައްޔަރުކުރުމަކީ މިދިޔަ ހަފްތާގައި އެގައުމުގެ އެހެން ތިން ފިރިހެނުން ހައްޔަރުކުރުމާ ގުޅިގެން ކުރެވުނު ހައްޔަރުކުރުމެކެވެ.
31 އަހަރުގެ މި ފިރިހެނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ލަންޑަނުގެ ހުޅަނގު އުތުރު ސަރަހައްދުގައި ހުރި އެޑްރެހަކުންނެވެ. މީގެ ކުރިން، މޭ މަހުގެ 3 ވަނަ ދުވަހު ހޮނިހިރު ދުވަހު، އީރާނުގެ 39، 44 އަދި 55 އަހަރުގެ ތިން ފިރިހެނުން ވަނީ ލަންޑަނުގެ އެކި ސަރަހައްދުތަކުން ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި، މި ތިން ފިރިހެނުން ބަންދުގައި ބެހެއްޓުމަށް އިތުރު ހުއްދައެއް ހޯދާފައިވާއިރު، މިހާރު އެމީހުން ބަންދުގައި ބެހެއްޓޭނީ މޭ މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. މި ހުރިހާ ފަރާތްތަކެއްވެސް ބަންދުގައި ބަހައްޓާފައިވަނީ 2023 ވަނަ އަހަރުގެ ޤައުމީ ސަލާމަތީ ޤާނޫނުގެ ދަށުންނެވެ.
މީގެ އިތުރުން، ވަކި އޮޕަރޭޝަނެއްގެ ދަށުން ހޮނިހިރު ދުވަހު ވެސް އީރާނުގެ އިތުރު ފަސް ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ ގްރޭޓަރ މެންޗެސްޓަރ، ލަންޑަން އަދި ސްވިންޑަންގެ އެކި ސަރަހައްދުތަކުން ކުރެވުނު ރެއިޑްތަކެއްގައެވެ.
މި ހައްޔަރުކުރުންތަކާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރުމަށް ފުލުހުން އިންކާރުކޮށްފައިވާއިރު، މި ތަޙުޤީޤުތައް ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!