އެކްސް ޕްލެޓްފޯމްގެ 8،000 އެކައުންޓް ބްލޮކްކުރުމަށް އިންޑިއާ ސަރުކާރުން އެޕްލެޓްފޯމަށް އަމުރުކޮށްފިއެވެ.
މަހުޖަނު އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްއަށް 8،000 އަށްވުރެ ގިނަ އެކައުންޓް ބްލޮކްކުރުމަށް އިންޑިއާ ސަރުކާރުން އަމުރުކޮށްފައިވާއިރު، މީގެ ތެރޭގައި ބައިނަލްއަޤްވާމީ ނޫސްވެރި ޖަމާޢަތްތަކާއި، އެކްސްގައި މަޝްހޫރު ބައެއް ޔޫޒަރތަކުގެ އެކައުންޓްތައް ހިމެނެއެވެ.
އިންޑިއާ ސަރުކާރުން މި އަމުރު ނެރެފައިވަނީ، އެކްސްގައި ޙަޤީޤަތް އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށް ބުނެ، މި އެކައުންޓްތަކުގެ މައްޗަށް ތުހުމަތުކޮށެވެ. މި އަމުރާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ، އެކްސްގެ އިންޑިއާގެ މުވައްޒަފުންނަށް ބޮޑެތި ޖޫރިމަނާތަކާއި ޖަލު ޙުކުމް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އެކްސްގެ ފަރާތުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، މި ފިޔަވަޅަކީ އިންޑިއާގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެމުންދާކަން ފާހަގަކުރެވެއެވެ.
އިންޑިއާ ސަރުކާރުގެ މި ފިޔަވަޅާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ޤައުމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވެދާނެ އަސަރުތަކާ މެދު ސުވާލު އުފެދެމުންދެއެވެ. މި މައްސަލައިގެ ތަފްސީލު އިތުރަށް ލިބުމުން އަޕްޑޭޓް ކުރެވޭނެއެވެ.
މީގެ ކުރިންވެސް އިންޑިއާ ސަރުކާރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މައްޗަށް މިފަދަ ފިޔަވަޅުތައް އަޅާފައިވެއެވެ. 2021 ވަނަ އަހަރު، އިންޑިއާ ސަރުކާރުން ޓްވިޓަރ (މިހާރުގެ އެކްސް) އަށް 500 އަށްވުރެ ގިނަ އެކައުންޓް ބްލޮކްކުރުމަށް އަމުރުކުރިއެވެ. އޭރު އެ އަމުރު ނެރުނީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މަޢުލޫމާތު ފެތުރުމުގެ ތުހުމަތުގައެވެ.
އިންޑިއާގެ އައި.ޓީ ޤާނޫނުގެ ދަށުން، ސަރުކާރަށް މިފަދަ އަމުރުތައް ނެރުމުގެ ބާރު ލިބިދީފައިވެއެވެ. ނަމަވެސް، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން މި ޤާނޫނަށް ފާޑުކިޔަމުންދެއެވެ. އެ ފަރާތްތަކުން ބުނަނީ މި ޤާނޫނުގެ ސަބަބުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅި، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ އަޑު މަޑުކުރުމަށް މަގުފަހިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!