ޕާކިސްތާނުން އިންޑިއާއަށް އަނެއްކާވެސް ބަދަލު ހިފުމުގެ އިންޒާރުތަކެއް ދީފިއެވެ.
ޕާކިސްތާނުގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު އިސްހާޤު ދާރު ވިދާޅުވެފައިވަނީ އިންޑިއާގެ ހަމަލާތަކަށް ޕާކިސްތާނުން ދީފައިވާ ޖަވާބުތަކުގައި "ކެތްތެރިކަން" ދައްކާފައިވާނެ ކަމަށެވެ. ނަމަވެސް އެ ޤައުމަށް އެކަށީގެންވަނީ މިއަށްވުރެ މާ ބޮޑު ބަދަލެއް ހިފުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދުން އިންޑިއާގެ 25 ޑްރޯން ވަނީ ވައްޓާލެވިފައި ކަމަށެވެ. އެހެންނަމަވެސް އިންޑިއާއިން ބުނެފައިވަނީ އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށް ޕާކިސްތާނުން ފޮނުވާފައިވާ ޑްރޯނަކާއި މިސައިލެއްގެ ހަމަލާ ހުއްޓުވާލެވިފައިވާ ކަމަށެވެ.
ކަޝްމީރު ބައިކުރާ ރޮނގު (ލައިން އޮފް ކޮންޓްރޯލް)ގެ ދެ ފަރާތުގައި އިންޑިއާ އާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ސަރަހައްދުތަކުގައި ބޮޑެތި އާޓިލަރީ ހަމަލާތަކެއް ދެވިފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.
އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ޕާކިސްތާނުގެ ހަމަލާތަކުގެ ސަބަބުން މަދުވެގެން 13 މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމުވެފައިވާ ކަމަށް އިންޑިއާއިން ބުނެއެވެ.
އިންޑިއާއިން ބުނާ ގޮތުގައި "އޮޕަރޭޝަން ސިންދޫރު" އަމާޒުކުރެވިފައިވަނީ "ޓެރަރިސްޓު" އިންފްރާސްޓްރަކްޗަރއަށެވެ. އެހެންނަމަވެސް ޕާކިސްތާނުން ބުނާ ގޮތުގައި މިސައިލްތައް އަމާޒުކުރެވިފައިވަނީ މިސްކިތްތަކަށް ކަމަށްވާއިރު، އާންމު ރައްޔިތުން މަރާލާފައިވާ ކަމަށެވެ. އަދި މިއީ ސާފު "ހަނގުރާމައިގެ ޢަމަލެއް" ކަމަށް ޕާކިސްތާނުން ބުނެއެވެ.
ނިއުކްލިއަރ ހަތިޔާރު އޮތް މި ދެ ޤައުމުގެ ދެމެދުގައި ހަމަނުޖެހުން އިތުރުވަމުން އައީ އޭޕްރިލް 22 ގައި ކަޝްމީރު އިންޑިއާ ފަޅީގައިވާ ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއެއްގައި 26 މީހުން މަރުވުމާ ގުޅިގެންނެވެ.
މި ހާދިސާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގައެވެ. ނަމަވެސް ޕާކިސްތާނުން ވަނީ މިކަމުގައި އެއްވެސް ދައުރެއް އޮތްކަމަށް ބުނާ ވާހަކަތަކަށް ދެކޮޅު ހަދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!