ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ ރިމާލް ސަރަަހައްދުގައި ހުރި ރެސްޓޯރަންޓަކާއި މާރުކޭޓަކަށް އިސްރާއީލުން ދިން ދެ ހަމަލާއެއްގައި ފަލަސްތީނުގެ މަދުވެގެން 33 ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ ކަމަށް ހަމާސްގެ ބެލުމުގެ ދަށުން ހިންގާ ސިއްހީ ވުޒާރާއިން ބުދަ ދުވަހު ބުނެފިއެވެ.

އަލް-ވަހުދާ މަގުގައި ހުރި ތައިލެންޑީ ރެސްޓޯރަންޓާއި ކައިރީގައި އޮތް މާރުކޭޓަށް ދިން މި ދެ ހަމަލާ އައިސްފައިވަނީ ގާތްގަނޑަކަށް އެއް ވަގުތެއްގައެވެ. މި ދެ ތަން ހުރީ ގާތްގަނޑަކަށް 100 މީޓަރު ދުރުގައެވެ. ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައިވާ ވީޑިއޯތަކުން ދައްކާ ގޮތުގައި ރެސްޓޯރަންޓުގެ މޭޒުތަކުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އޮތެވެ. މި ރެސްޓޯރަންޓަކީ ކޮމިއުނިޓީ ކިޗަނެއްގެ ގޮތުގައިވެސް ބޭނުންކުރަމުން އައި ތަނެކެވެ.

Ad
rt

މާރުކޭޓުގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްގައި ކުޑަ ކުއްޖެއްގެ ހަށިގަނޑު މަގުމަތީގައި އޮތް ތަން ފެނެއެވެ. އެ ކުއްޖާގެ ބުރަކަށީގައި ސްކޫލް ދަބަހެއް އެޅިފައި އޮތެވެ.

މި ހަމަލާތަކާ ގުޅޭގޮތުން އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މި ހަމަލާތައް އައިސްފައިވަނީ އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ހަރުދަނާކޮށް، ފުޅާކުރަން ތައްޔާރުވުވަމުންދާ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ. މި ހަނގުރާމަ ފެށިތާ މިހާރު ވަނީ 19 މަސް ވެފައެވެ.