އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ވާހަކަ ދެއްކުމަށް މެދުވެރިއެއްގެ ރޯލް އަދާކުރުމަށް ތުރުކީ ތައްޔާރަށް އޮތްކަމަށް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްއާ ފޯނުން ވާހަކަދައްކަވައި، އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ތުރުކީން "އެންމެ މަތީ ދަރަޖައަކަށް" މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވާހަކަފުޅުތައް ދައްކަވާފައިވަނީ ބުދަ ދުވަހުއެވެ.

Ad
rt

ތުރުކީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރޭޓުން ބުނާ ގޮތުގައި، މި ފޯނު ކޯލުގައި ދެ ލީޑަރުން ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުމާއި، މެއި 6 ވަނަ ދުވަހުގެ ރޭ ހިނގި ހަމަލާއާއި އަދި އެންމެ ފަހުގެ ކަންތައްތަކާ މެދު މަޝްވަރާކުރައްވާފައެވެ.

"މި ފޯނު ކޯލުގައި ރައީސް އުރުދުޣާން ވަނީ ޕާކިސްތާނާއެކު ތުރުކީގެ އެއްބައިވަންތަކަން ފާޅުކުރައްވައި، ހަމަލާގައި ޝަހީދުވި ޕާކިސްތާނުގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވައި، އަދި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި،" ޑައިރެކްޓަރޭޓުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ބުނެފައިވެއެވެ.

އުރުދުޣާން ވަނީ ޕާކިސްތާނުން މި މައްސަލައާ މެދު ގެންގުޅޭ "ހަމަޖެހޭ އަދި މިންގަނޑެއްގެ ތެރޭގައި" ހުރި އުސޫލަށް އަންކާރާގެ ތާއީދު ފާޅުކުރައްވާފައެވެ. އަދި އޭޕްރިލް 22 ވަނަ ދުވަހު ޖައްމޫ އަދި ކަޝްމީރުގައި ހިނގި ހަމަލާއާ ގުޅޭ ގޮތުން ވަކިފަރާތަކަށް ނުޖެހޭ، ހާމަކަން ބޮޑު އަދި އިތުބާރުހުރި ބައިނަލްއަޤްވާމީ ތަޙުޤީޤެއް ހިންގުމަށް ޕާކިސްތާނުން ހުށަހަޅާފައިވާ ހުށަހެޅުމަކީ އެކަށީގެންވާ ހުށަހެޅުމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ޕާކިސްތާނުން ބުދަ ދުވަހު ބުނެފައިވާ ގޮތުގައި އިންޑިއާގެ "އޮޕަރޭޝަން ސިންދޫރު" ގައި މަދުވެގެން 26 އާންމު ރައްޔިތުން މަރުވެ، 46 މީހުން ޒަޚަމްވެފައިވެއެވެ. ނަމަވެސް އިންޑިއާއިން ބުނެފައިވަނީ އެމީހުން އަމާޒުކުރީ ޕާކިސްތާނުގައި ހުރި "ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ" އަށް ކަމަށެވެ.