ކަޝްމީރުގެ ކޮންޓްރޯލް ލައިނުގައި ހަމަލާތައް ބަދަލުކުރަމުން އަންނަކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރ އަޠާއުﷲ ތަރާރު ''އަލްޖަޒީރާ'' އަށް މައުލޫމާތު ދެއްވިކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަޝްމީރުގެ ކޮންޓްރޯލް ލައިނުގައި ޕާކިސްތާނުގެ އެއްގަމު ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިވަގުތު ހަނގުރާމަވެރި ހަރަކާތްތައް ހިނގަމުންއަންނަކަމަށް އޭނާ ވިދާޅުވެފަވެއެވެ.
ކަޝްމީރުގެ ކޮންޓްރޯލް ލައިނުގެ އިންޑިއާއި ވީފަރާތުގައި ހުރި އިންޑިއާގެ ބައެއް ޕޯސްޓުތައް ހަލާކުކޮށްލާފައިވާކަމަށް ވެސް ޕާކިސްތާންގެ އިންފޮމޭޝަން މިނސްޓަރ ވިދާޅުވެފައެވެ.
''ވައިގެ ހަނގުރާމަވެރި ހަރަކާތްތައްވެސް ކުރިއަށ އެބަދޭ، އަޅުގަނޑުމެން އިންޑިއާގެ 5 މަތިންދާބޯޓު ވައްޓާލައިފިން'' އޭނާ ވިދާޅުވެފަވެއެވެ.
ފޮޓޯ: އަލްޖަޒީރާ
މި ހާލަތާއި ގުޅިގެން އިންޑިއާގެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ''ޓެރަރިޒަމަށް ދުނިޔޭގައި ޖާގަނެތް'' ކަމަށް ވަނީ ވިދާޅުވެފައެވެ.
އިންޑިއާ އިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ޕާކިސްތާނަށް ރޭ ހަމަލާދީފައިވާއިރު، ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އިންޑިއާގެ ސިފައިން ޕާކިސްތާނުގެ 6 ސަރަޙައްދަކަށް ހަމަލާދީ، މަދުވެގެން 8 މީހުން މަރާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި 3 އަހަރުގެ ކުޑަ އަންހެން ކުއްޖެއްވެސް ހިމެނޭކަމަށެވެ.
އިންޑިއާގެ ސިފައިންގެ ބަހުން ބުނެފައިވަނީ ޕާކިސްތާނުގެ ބޮޑުބަޑިން ދިން ހަމަލާއެއްގައި އިންޑިއާ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި 3 މީހުން މަރުވެފައިވާ ކަމަށެވެ.
ޕާކިސްތާނުގެ އޮފިޝަލުން ބުނާ ގޮތުގައި އެމީހުންގެ ބާރުތަކުން އިންޑިއާގެ 5 ހަނގުރާމަ މަތިންދާބޯޓު ވައްޓާލައި، އަދި އިންޑިއާގެ ބައެއް ސިފައިން ހައްޔަރުކޮށްފައިވެއެވެ. އިންޑިއާއިން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އިންޑިއާގެ ހަމަލާއަކީ "ސަބަބެއްނެތި ދިން" ހަމަލާއެއް ކަމަށާއި، އޭނާގެ ޤައުމުން މިކަމަށް ރައްދުދެމުންދާ ކަމަށް ވިދާޅުވެފައެވެ.
ވޮޝިންގްޓަން ޑީ.ސީ ގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނެފައިވަނީ އިންޑިއާ އިން ހަމަލާދިނީ ޕާކިސްތާނުގެ އަސްކަރީ ޕޮއިންޓްތަކަަކަށް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހާލަތު ސިފަކުރައްވާފައިވަނީ "ލަދުވެތި ކަމެއް" ގެ ގޮތުގައެވެ. އަދި "މިކަން އަވަހަށް ނިމޭނެ" ކަމަށް އުންމީދުކުރަށްވާކަމަށް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!