ޣައްޒާގެ 70 އިންސައްތަ "ނޯ-ގޯ ޒޯން" ތަކަށް ނުވަތަ މަޖުބޫރުން ރައްޔިތުން ނެރުމަށް އަމުރުކޮށްފައިވާ ސަރަހައްދުތަކަށް އިޒްރޭލުން ބަދަލުކޮށްފި ކަމަށް އދ.ގެ ހިއުމަނިޓެރިއަން އެފެއާޒް ކޯޑިނޭޝަން އޮފީހުން (އޯސީއެޗްއޭ) ހާމަކޮށްފިއެވެ.

އޯސީއެޗްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގެ ދެކުނުގައި، ރަފާހު ގަވަރނޮރޭޓުގެ ގިނަ ބައެއް މާރޗް މަހުގެ ފަހުކޮޅުން ފެށިގެން ވަނީ "ނޯ-ގޯ ޒޯން" ތަކުގެ ގޮތުގައި އިޒްރޭލް ސިފައިންގެ ފަރާތުން އިޢުލާންކޮށް، މީހުން ފުރުވާލުމުގެ އަމުރު ނެރެފައެވެ.

Ad
rt

އުތުރުގައި، ޣައްޒާ ސިޓީގެ ހުރިހާ ސަރަހައްދެއްހެން ވަނީ އެފަދަ އަމުރުތަކުގެ ދަށަށް ގެނެސްފައެވެ. މިއަމުރުން އިސްތިސްނާ ވެފައިވަނީ ހަމައެކަނި އުތުރު-ހުޅަނގު ގައި ކުދިކުދި ސަރަހައްދުތަކެކެވެ. ޝުޖާއީއާ ހިސާބުގެ އިރުމަތީގައިވާ މުޅި ސަރަހައްދުތަކާއި އިޒްރޭލް ބޯޑަރު ކައިރީގައިވާ ސަރަހައްދުތައް ވަނީ ވަނުންމަނާ ޒޯންތަކެއްގެ ގޮތުގައި އިޢުލާންކޮށްފައެވެ.

މާރޗް 18 ގައި ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމަ އަލުން ފެށުމާއެކު، އިޒްރޭލް ސިފައިން ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ނެރުމަށް އަމުރުތައް ނެރެ، އެސަރަހައްދުތައް އިތުރުކުރަމުން ގޮސްފައިވާ ގޮތް އެނިމޭޓެޑް މެޕެއްގައި ދައްކާފައިވެއެވެ.

މި ހަނިކުރުންތަކާ ގުޅިގެން، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އޯސީއެޗްއޭއިން ފާހަގަކުރެއެވެ. އެތައް ހާސް ފަލަސްޠީނު ރައްޔިތުން އިތުރަށް ހިޖުރަކުރުމަށް މަޖުބޫރުވެ، ކުރިންވެސް ސުންނާފަތިވެފައިވާ އަދި މީހުން ތޮއްޖެހިފައިވާ ސަރަހައްދުތަކަށް ޖަމާވަމުންދާކަން އދ.އިން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އިންސާނީ އެހީދޭ ޖަމިއްޔާތަކުން އިޒްރޭލަށް ގޮވާލާފައިވަނީ މި ރެސްޓްރިކްޝަންތައް ލުއިކޮށް، ސިވިލިއަނުންނަށް އަމާންކަމާއެކު އުޅެވޭނެ ސަރަހައްދުތައް އިތުރުކޮށް، އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށެވެ.