ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަނާގެ މައި އިންޓަނޭޝަނަލް އެއަރޕޯޓަށް އިސްރާއީލުން ހަމަލާދީފިއެވެ.

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހަމަލާގައި އެއަރޕޯޓް "މުޅިން ބޭނުން ނުކުރެވޭ" ވަރަށް ހަލާކުވެފައިވެއެވެ.

Ad
rt

އަންގާރަ ދުވަހު ދިން މި ހަމަލާގައި ސަނާގެ ސިމެންތި ފެކްޓަރީއަކާއި އެތައް އިންޖީނުގެ ތަކަކަށްވެސް ހަމަލާތައް އަމާޒުކޮށްފައިވެއެވެ. މިއީ އާދިއްތަ ދުވަހު ތެލް އަވީވްގެ ބެން ގޫރިއަން އިންޓަނޭޝަނަލް އެއަރޕޯޓާ ކައިރިއަށް ދިން ހޫތީންގެ ބެލިސްޓިކް މިސައިލް ހަމަލާއަކަށް ދިން ޖަވާބެއްގެ ގޮތުގައި ދިން ހަމަލާއެއްކަމަށް އިސްރާއީލުގެ ސިފައިންގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ސިފައިންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި "އެއަރޕޯޓަކީ ހޫތީ ޓެރަރިސްޓް ވެރިކަމުގެ ހަތިޔާރާއި މީހުން ބަދަލުކުރުމުގެ މައި މަރުކަޒެއް" ގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެކެވެ.

"މި އޮޕަރޭޝަން ހިންގީ އެއަރ ފޯސްގެ ކޮމާންޑަރާއި ޗީފް އޮފް ސްޓާފްގެ ހުއްދައާ އެކުގައި" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އިސްރާއީލަށް ނުރައްކާވާ ކޮންމެ ފަރާތަކާ ދެކޮޅަށް "ބާރުގަދަ ގޮތެއްގައި ހަމަލާދިނުން ކުރިއަށް ގެންދާނެ" ކަމަށްވެސް ބުނެފައިވެއެވެ.

ހޫތީންގެ އަލް މަސީރާ ޓީވީން ބުނާ ގޮތުގައި މި ހަމަލާގައި މަދުވެގެން 3 މީހުން މަރުވެފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. އަދި 30 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހޫތީންގެ ސިޔާސީ ބިއުރޯގެ ބަޔާނެއްގައި އިސްރާއީލުގެ މި ހަމަލާތައް ކުށްވެރިކޮށް، މިއީ އިސްރާއީލުގެ "ބަނގުރޫޓުވުމުގެ އިތުރު ހެއްކެއް" ކަމަށް ބުނެފައިވެއެވެ.

"ޔަމަނުގެ ބަނދަރުތަކާއި، ސަނާ އެއަރޕޯޓާއި، ސިމެންތި ފެކްޓަރީތަކާއި، އިންޖީނުގެ ތަކަށް ހަމަލާތައް އަމާޒުކުރުމުގެ މަޤްޞަދަކީ ޔަމަނުގެ ރައްޔިތުން ހިޞާރުކުރުން" ކަމަށް ހޫތީންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އިސްރާއީލާއި އެމެރިކާއިން ޔަމަނަށް ދޭ ހަމަލާތަކަށް "ޖަވާބު ނުދީ ދޫކޮށްނުލާނެ" ކަމަށާއި، މި ހަމަލާތަކުން "ޣައްޒާއަށް ދޭ އެހީތެރިކަން ހުއްޓުވޭނެ" ކަމަށްވެސް ބުނެފައިވެއެވެ.